މިއަދުގެ ޑިޖިޓަލް ޒަމާނުގައި ރަސްމީ މުއާމަލާތްތައް ހިންގުމަށް ބޭނުންކުރާ އެންމެ މުހިންމު ވަސީލަތަކީ އީމެއިލް ކަމަށްވީ ނަމަވެސް، މިއީ ކުށްވެރިން ނަހަމަ ގޮތުގައި އެކައުންޓުތަކަށް އެކްސެސްވުމަށް ބޭނުންކުރާ ނުރައްކާތެރި ވަސީލަތެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ. ވަކިން ހާއްސަކޮށް، "ބިޒްނަސް އީމެއިލް ކޮމްޕްރޮމައިޒް" (ބީ.އީ.ސީ) އަކީ މުޅި ދުނިޔޭގައި ވެސް މާލީ ސްކޭމް ހިންގުމަށާއި ފައިސާ ވަގަށްނެގުމަށް މިހާރު އެންމެ ގިނައިން ބޭނުންކުރަމުންދާ އެއް އުކުޅުކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.
އަދި އީމެއިލް އެޑްރެހުގައި އެއްވެސް ތަފާތެއް ހުރިތޯ ރަނގަޅަށް ޗެކް ކުރަންވެސް އަންގާފައި ވެއެވެ. މިފަދަ ސްކޭމްތައް ހިންގުމުގައި ކުށްވެރިން އީމެއިލް ފޮނުވަނީ އިތުބާރުކުރެވޭ މީހަކަށް ވެގެންނެވެ.
އެގޮތުން ކުންފުނިތަކުގެ ސީ.އީ.އޯގެ ނަމުގައި ގިފްޓް ކާޑު ގަތުމަށް އެދުމާއި، ސަޕްލަޔަރުންގެ ނަމުގައި ބޭންކު އެކައުންޓު ބަދަލުވިކަމަށް ބުނެ އީމެއިލް ފޮނުވުން ހިމެނެއެވެ. އަދި ލޯޔަރުންގެ ނަމުގައި ގޯތީގެ އެޑްވާންސް ފައިސާ ވަކި އެކައުންޓަކަށް ޓްރާންސްފަރ ކުރުމަށް އެދި ފޮނުވާ މެސެޖުތަކަކީ ވެސް އަސްލާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ފޭކް މެސެޖުތަކެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ނުދަންނަ މީހުން ފޮނުވާ ފައިލްތައް ޑައުންލޯޑް ނުކުރުމަށާއި، އެއްވެސް ކަމަކާ މެދު ޝައްކު އުފެދޭނަމަ ރަސްމީ ފޯނު ނަންބަރަކަށް ގުޅައިގެން މައުލޫމާތު ކަށަވަރުކުރުމުގައި ސަމާލުކަން ދިނުމަށްވެސް ފުލުހުން ނަސޭހަތްތެރިވެފައި ވެއެވެ.
އޭގެ އިތުރުން، ފުލުހުން ވަނީ ހުރިހާ އެކައުންޓެއްގައި ޓޫ-ފެކްޓާ އޮތެންޓިކޭޝަން ހަދާފައި ބަހެއްޓުމަށާއި ފައިސާގެ މުއާމަލާތެއް ނުވަތަ އެކައުންޓް ނަންބަރު ބަދަލުކުރަން ބުނެފިނަމަ، އެ ފޮނުވި ފަރާތަކަށް ފޯނުން ގުޅައި (އީމެއިލްގައިވާ ނަންބަރު ނޫން، ކުރިން ގުޅުމަށް ބޭނުންކުރި ނަންބަރަށް ގުޅައި) އެކަން ޔަގީންކުރަން އަންގައިފައެވެ.
ކުށްވެރިންގެ މަޅީގައި ނުޖެހުމަށްޓަކައި ސޯޝަލް މީޑިއާގައި އަމިއްލަ މައުލޫމާތު ހާމަނުކުރުމަށާއި، ނުދަންނަ ފަރާތްތަކުން ފޮނުވާ ލިންކުތަކަށް ނުފިއްތުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، އީމެއިލް އެޑްރެހުގައި ހުންނަ ކުދިކުދި ތަފާތުތަކަށް ސަމާލުވުމަށާއި، ހުރިހާ އެކައުންޓެއްގައި ‘ޓޫ-ފެކްޓަރ އޮތެންޓިކޭޝަން، ބޭނުންކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

