ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭނެ ޑީ.އެން.އޭ ލެބޯރެޓަރީއެއް މޯލްޑިވްސް ބްލަޑް ސާވިސަސްގައި ގާއިމުކޮށް، އެތަނުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތެލަސީމިއާ ފަރުވާ ހަރުދަނާކުރުމަށް ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެކެވެ.
މި ލެބޯރެޓަރީ ރަސްމީކޮށް ހުޅުއްވައިދެއްވީ ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން މިފަދަ ޓެސްޓުތައް ހެދެނީ ހަމައެކަނި އެންޖީއޯއަކުން ހިންގާ ކުޑަ ލެބެއްގައެވެ. ނަމަވެސް އައު ލެބޯރެޓަރީގައި ހުރި އޮޓަމޭޓެޑް މެޝިންތަކުގެ އެހީގައި، ކުރިން ރާއްޖެއިން ބޭރުން ހަދަންޖެހޭ ގިނަ ޓެސްޓުތަކެއް މިހާރު ރާއްޖޭގައި ތިބެގެން ހެދޭނެ މަގު ފަހިވެގެންދާނެއެވެ.
ދައުލަތުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމުކުރި މި ލެބޯރެޓަރީގައި ހީމޮގްލޯބިންގެ 27 ބާވަތެއްގެ މިއުޓޭޝަން ދެނެގަނެވޭނެއެވެ. މީގެ ސަބަބުން ކައިވެނީގެ ކުރިން ތެލަސީމިއާ ހުންނަ ފަރާތްތައް ދެނެގަތުމަށާއި، ބަލި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ބުނި ގޮތުގައި، ދިވެހިންގެ މެދުގައި އާންމުކޮށް ފެންނަ ލޭގެ ބަލިތަކަށް ހާއްސަ ކިޓުތަކެއް ބޭނުންކޮށްގެން މިތަނުން ސައްހަ ތަހުލީލުތައް ކުރެވޭނެއެވެ.
ތެލަސީމިއާ ކުދިންނަށް ދޭ ފަރުވާ ފުޅާކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މިހާތަނަށް 24 ކުއްޖަކަށް ފުރުސަތު ދިނުމާއި، މި އަހަރުން ފެށިގެން އެ ކުދިންނަށް 2000 ރުފިޔާގެ އެލަވަންސެއް ދޭން ނިންމުން ހިމެނެއެވެ.
މީގެ އިތުރުން، ތެލަސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްވެސް މިއަހަރު ތެރޭގައި ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ހުރިހާ މަސައްކަތްތަކަކީ ރާއްޖޭގައި ތެލަސީމިއާ ބަލި މެނޭޖްކުރުމަށާއި، ބަލި ހުންނަ ކުދިންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.

