މާލޭގެ ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަށް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން، ސެގްމެންޓް ދޭއްގައި ހިމެނޭ ސަރަހައްދުގައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ތާރު އަޅަން ތައްޔާރުވާން ފަށައިފިއެވެ. މި މަޝްރޫއަކީ މާލޭގެ އުތުރު ފަރާތުގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކުރި ގޮތުގައި، ދެވަނަ ސެގްމެންޓުގައި ހިމެނޭ ބާޒާރުމަތީ ސަރަހައްދުގައި މިހާރު ކުރިއަށްދަނީ ސަބް-ބޭސް ތައްޔާރުކުރުމުގެ މަސައްކަތެވެ. އަދި އޭބީސީ ފަށަލަ އެޅުމާއި، ތާރު އެޅުމުގެ އަމަލީ މަސައްކަތް މި ފެށޭ ހަފްތާގެ ތެރޭގައި ފެށިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެމްޓީސީސީން އިތުރަށް ބުނީ، "މިއާއެކު އިތުރު މަސައްކަތްތައްވެސް ކުރިއަށް ދާނެ، އޭގެ ތެރޭގައި ހާބަރު ސަރަހައްދުގެ މަސައްކަތާއި، ލައިޓް ހަރު ކުރުމާއި، ސައިން ބޯޑުތައް ހަރު ކުރުމުގެ މަސައްކަތް ހިމެނޭ" ކަމަށެވެ. މި މަޝްރޫއުގެ ފުރަތަމަ ސެގްމެންޓުގެ މަސައްކަތް މިހާރު ވަނީ ނިންމައި އާންމުންނަށް ހުޅުވާލާފައެވެ.
މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ދަށުން ޖުމްލަ 830 މީޓަރުގެ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވޭނެއެވެ. މީގެ ތެރޭގައި 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމުގެ އިތުރުން ފެންހިންދާ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.
މި މަޝްރޫއަކީ ޖުމްލަ 144,509,024.16 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މަޝްރޫއު ނިމުމުން ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް މަގު ފުޅާވެ، ދަތުރުފަތުރު ކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

