މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ޚާއްސަކޮށްގެން “ވެލާނާ އެވޯޑްސް”ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ތަޢާރަފުކޮށްފިއެވެ.
އެމްއޭސީއެލް އިން ބުނީ މި އެވޯޑަކީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަދި ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޕާޓްނަރުން ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދޭން ކަނޑައަޅާފައިވާ އެވޯޑެއް ކަމަށެވެ.
މި އަހަރުގެ އެވޯޑުގައި 3 ދާއިރާއަކުން 22 އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެވޯޑް ދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ ފަސެންޖާ އެވޯޑްސް، ކާގޯ އެވޯޑްސް އަދި ލައުންޖް އެވޯޑްސްއެވެ. އޭގެ އިތުރުން އަހަރުގެ އެއާލައިން ފާހަގަކޮށް ޚާއްސަ އެވޯޑެއްވެސް ދޭން ވަނީ ނިންމައިފައެވެ.
މި އަހަރުގެ އެވޯޑް ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

