ސީރިއާއަކީ ދިވެހިން ދަތުރުކުރުން މަނާ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ ގައުމުގައި މިހާރު ވެރިކަންކުރާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ރާއްޖޭގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން އުނިކޮށްފިއެވެ. މި ބަދަލާއެކު ދިވެހިންނަށް ސީރިއާއަށް ދަތުރުކުރުމުގެ މަގު މިހާރު ވަނީ ހުޅުވިފައެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ މުރާޖާކުރައްވާ މި ލިސްޓުތައް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ. އެޗްޓީއެސް އަކީ 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޓެރަރިސްޓް ލިސްޓުގައި ހިމެނޭ ޖަމާއަތެކެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމަށްފަހު އެ ޖަމާއަތުން ވަނީ އެ ގައުމުގެ ވެރިކަމާ ހަވާލުވެފައެވެ.
ރާއްޖެއިން މި ނިންމުން ނިންމާފައިވަނީ ބައިނަލްއަގުވާމީ މުޖުތަމައުން މިކަމުގައި އަމަލުކުރަމުންދާ ގޮތަށް ރިއާޔަތްކުރުމަށްފަހުއެވެ. އެގޮތުން އެމެރިކާއިން ވެސް ވަނީ އެޗްޓީއެސް ޓެރަރިސްޓް ލިސްޓުން އުނިކޮށްފައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސީރިއާގެ އާ ރައީސް އަދި އެޗްޓީއެސްގެ ވެރިޔާ އަހްމަދު އައް ޝަރާއާ ވައިޓް ހައުސްގައި ބައްދަލުކުރައްވާފައެވެ.
ޓެރަރިޒަމްގެ ގާނޫނުގެ ދަށުން، ލިސްޓުގައި ހިމެނޭ ޖަމާއަތަކަށް ތާއީދުކުރުމާއި ހުއްދަ ނެތި ހަނގުރާމަވެރި ސަރަހައްދުތަކަށް ދަތުރުކުރުމަކީ ބޮޑެތި ޖަލު ހުކުމްތައް އަންނަ ކުށްތަކެކެވެ. ނަމަވެސް ސީރިއާ މިހާރު މި ލިސްޓުން އުނިކުރުމާއެކު، އެ ގައުމަށް ދަތުރުކުރުމުގައި ކުރިން އޮތް ގާނޫނީ ހުރަސްތައް ވަނީ ނެތިގޮސްފައެވެ.
ސީރިއާގެ ވެރިކަން ބަދަލުވި ފަހުން މިދިޔަ އަހަރު ލިސްޓް މުރާޖައާކޮށް ނެރުނުއިރު ވެސް ލިސްޓްގައި އެ ޖަމާއަތުގެ ނަން އޮތް ނަމަވެސް، މި ފަހަރުގެ މުރާޖައާގައި ވަނީ އެ ގައުމުގެ ސިޔާސީ މަޝްރަހަށް އައި ބަދަލުތަކަށް ބަލައި ލިސްޓުން އުނިކޮށްފައެވެ.

