ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި، ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްތަކާއި ފަޅުތަކުގެ ތެރެއިން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު އިޢުލާނުކޮށްފިއެވެ. މި އިޢުލާނުގެ ދަށުން ހަލާލް ޓޫރިޒަމް ތަރައްޤީކުރުމަށް 3 ރަށެއް އަދި ރިސޯޓު ތަރައްޤީކުރުމަށް 13 ފަޅެއް ވަނީ ބީލަމަށް ހުޅުވާލާފައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ހަލާލް ފަތުރުވެރިކަމަށް ޚާއްޞަކޮށްގެން ހުޅުވާލާފައިވަނީ ހދ. އަތޮޅު، ލ. އަތޮޅު އަދި ސ. އަތޮޅުން ކަނޑައެޅިފައިވާ ރަށްތަކެކެވެ. މީގެ އިތުރުން، ރިސޯޓު ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލި 13 ފަޅަކީ ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކުން ކަނޑައަޅާފައިވާ ފަޅުތަކެކެވެ.
މި ބީލަމާ ގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް 2 މާރިޗު 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ވަރޗުއަލްކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 1 މާރިޗު 2026 ގެ 12:00 ގެ ކުރިން planning@tourism.gov.mv އަށް އީމެއިލް ކުރަންޖެހޭނެއެވެ.
ބީލަން ފޮތް ގަތުމުގެ ފުރުޞަތު 9 ފެބުރުވަރީ 2026 އިން ފެށިގެން 5 އެޕްރީލު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އާ ދެމެދު ވޭލާނާގޭގެ 5 ވަނަ ފަންގިފިލާގައި ހުންނަ ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ރިސެޕްޝަނުން ނުވަތަ އީމެއިލް މެދުވެރިކޮށް ބީލަން ފޮތް ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 1 އެޕްރީލު 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ވުޒާރާގެ އީމެއިލަށް ސުވާލުތައް ފޮނުއްވުމަށް ވަނީ އެދިފައެވެ. މި މަޝްރޫޢަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިކަން ފުޅާކޮށް، އިޤްތިޞާދީ މަންފާ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

