ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "ގަޟާއީ އަހަރު 2026" ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ. އިސްލާމީ މަރުކަޒުގައި ބޭއްވި މި ޚާއްސަ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، އެކި ކޯޓުތަކުގެ ފަނޑިޔާރުންގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ގަޟާއީ އަހަރު އިފްތިތާހުކުރުމުގެ މައިގަނޑު މަގުސަދަކީ ފާއިތުވި އަހަރުގެ މަސައްކަތްތައް ވަޒަންކޮށް، ލިބުނު ތަޖުރިބާގެ އަލީގައި ޝަރުއީ ދާއިރާ އިދާރީގޮތުންނާއި ޝަރުއީގޮތުން ހަރުދަނާކުރުމަށް އާ އަހަރުގެ ލަނޑުދަނޑިތައް ކަނޑައެޅުމެވެ. މީގެ އިތުރުން، ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށް މަޝްވަރާކުރުމަށް ބާއްވާ "ފަނޑިޔާރުންގެ ގައުމީ މަހާސިންތާ" އާއި، ދާއިރާގެ މުވައްޒަފުންނާއި ފަނޑިޔާރުންގެ މެދުގައި ގުޅުން ބަދަހިކުރުމަކީވެސް މި ހަރަކާތުގެ މުހިންމު ބައެކެވެ.
މި ރަސްމިއްޔާތުގައި ޝަރަފުވެރިކަމާއެކު މުސްކުޅިކުރައްވާފައިވާ ފަސް ފަނޑިޔާރެއްގެ އަގުވަޒަންކޮށް، އެބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ސިއްކަ ޖަހާފައިވާ ފަތްކޮޅާއި ޝަރަފުގެ މެޑަލް އަރުވާފައިވެއެވެ. އަދި ޝަރުއީ ދާއިރާއަށް އެކި ގޮތްގޮތުން ހިދުމަތްކުރި ފަރާތްތަކަށާއި، 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވި ފަނޑިޔާރުންނާއި މުވައްޒަފުންގެ އަގުވަޒަންކޮށް ހާއްސަ އެވޯޑުތަކާއި ހަދާނީ ފިލާ ވަނީ ހަވާލުކޮށްފައެވެ.

މުސްކުޅިކުރައްވާފައިވާ5 ފަނޑިޔާރެއްގެ އަގުވަޒަންކޮށް، އެބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ސިއްކަ ޖަހާފައިވާ ފަތްކޮޅާއި ޝަރަފުގެ މެޑަލްއެރުވުން
ރަސްމިއްޔާތުގެ ތެރެއިން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ ޤަޟާޢީ ބަޔާން އިއްވަވާފައެވެ. މި ބަޔާނުގައި އައު ޤަޟާޢީ އަހަރަކަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި، ޝަރުޢީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ.
ޤަޟާޢީ އަހަރު އިފްތިތާޙްކުރުމުގެ މި ޕްރޮގްރާމަކީ 2021 ވަނަ އަހަރު ފިޔަވައި، ފާއިތުވި 9 އަހަރުވެސް މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ ޚާއްޞަ ޙަރަކާތެކެވެ. މިއީ ޝަރުޢީ ދާއިރާގެ ކުރިމަގު ބައްޓަންކުރުމަށާއި، ދާއިރާގެ މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވެ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.

