މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ “ކަށަވަރު ރެސިން” ރަސްމީކޮށް ދައްކާލައިފިއެވެ. މި އުފެއްދުން އިފްތިތާހުކޮށްދެއްވީ މޯލްޑިވްސް މެރިން އެކްސްޕޯ (އެމްއެމްއީ) 2026 ގައި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު އެވެ.
“ކަށަވަރު ރެސިން” އަކީ ރާއްޖޭގެ ކަނޑުގެ މާހައުލާ ގުޅޭގޮތަށް ހާއްސަކޮށް ފަރުމާކޮށްފައިވާ، އޮޑިދޯނިފަހަރު ބަނުމަށް ބޭނުންކުރާ ކޮމްޕޮސިޓް ރެސިން ރޭންޖެކެވެ. މި އުފެއްދުމަކީ ކަނޑުމަތީގެ ގަދަފަދަ ހާލަތްތަކުގައި ބޭނުންކުރުމަށް އެންމެ އެކަށޭނަ، ވަރުގަދަ އަދި އިތުބާރު ހިފޭ އުފެއްދުމެއް ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
މި ރޭންޖުގެ ތެރޭގައި އައިއެސްއޯ ގްރޭޑް ޕޮލިއެސްޓަރާއި، މެރިން ގްރޭޑް ސޮލިއުޝަންތަކުގެ އިތުރުން ޖެނެރަލް ޕާޕަސް ރެސިން، ޖެލް ކޯޓް އަދި މީގެ އިތުރު އެކްސެސަރީޒްތައް ހިމެނެއެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސިނާއަތަށް އަންނަމުންދާ ބަދަލުތަކާއި ކުރިއެރުންތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ތައާރަފުކުރި އުފެއްދުންތަކެކެވެ.
އެމްޓީސީސީއިން ހާމަކޮށްފައިވާ ގޮތުގައި، މި އުފެއްދުންތައް އާންމުކޮށް ކަސްޓަމަރުންނަށް ލިބޭނެ ގޮތް ހެދުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. މިއީ ރާއްޖޭގެ އޮޑިދޯނިފަހަރު ބަނުމުގެ ސިނާއަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

