ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި ބިލު ފާސްކޮށްފައިވަނީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ބިލު ދިރާސާކުރުމުގެ މަރުހަލާގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އިލެކްޝަންސް ކޮމިޝަނާއި، ބަންޑާރަނައިބުގެ އޮފީހުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ހޯދާފައެވެ. މި މަޝްވަރާތަކުގައި ބައިވެރިވި ގިނަ ފަރާތްތަކުން ވަނީ ދެ އިންތިޚާބު އެއްކޮށްލުމަށް ގެންނަ މި ބަދަލަށް ތާއީދުކޮށްފައެވެ.
މި އިސްލާޙުގެ ދަށުން މަޖިލީހުގެ އުމުރު ގުނާ އުސޫލަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން މަޖިލީހުގެ ދައުރަކީ ކޮންމެ 5 އަހަރަކުން ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހިނގާ މުއްދަތެއް ކަމަށް ކަނޑައެޅިގެންދާނެއެވެ. އަދި މަޖިލީހުގެ އިންތިޚާބު ބާއްވާނީ ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ އިންތިޚާބާ އެކުގައެވެ. އައު މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނީ ޑިސެންބަރު 1 ގައެވެ.
މި ބަދަލާއެކު މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވެގެންދާނެއެވެ. ކުރިން 2029 ވަނަ އަހަރަށް ދައުރު ހަމަވާގޮތަށް އޮތް ނަމަވެސް، އައު އިސްލާޙުގެ ދަށުން މިހާރުގެ މަޖިލީހުގެ އުމުރު 1 ޑިސެންބަރު 2028 އަށް ހަމަވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅީ އިންތިޚާބުތަކަށް ކުރާ ބޮޑު ޚަރަދު ކުޑަކުރުމަށާއި، ވޯޓުލާން ނުކުންނަ މީހުންގެ އަދަދު އިތުރުކުރުމުގެ މަޤްޞަދުގައެވެ. މިއީ ގިނަ ރައްޔިތުންތަކެއް އެދެމުން އައި ބަދަލެއް ކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
މި ބިލު ކޮމިޓީން ފާސްކުރުމާ ގުޅިގެން، ދެން އޮންނާނީ މަޖިލީހުގެ ތަޅުމަށް މި ރިޕޯޓު ހުށަހަޅައި، ބިލު ފާސްކުރުމުގެ ފަހު މަރުހަލާއެވެ.

