ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ކުރިއަށް އޮތް ރަމަޟާން މަހަށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރާ މަސްދަޅު ކޭސް މާލެ ސަރަޙައްދުގައި ދޫކުރުން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން މިއަދު އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް މާލެ، ވިލިނގިލި އަދި ހުޅުމާލެ ހިމެނޭހެން ގްރޭޓަރ މާލެ ސަރަޙައްދުގައި 43،923 މަސްދަޅު ކޭސް ވަނީ ދޫކޮށްފައެވެ. މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުމުގެ އެންމެ ފަހު ވަގުތަކީ ފެބްރުވަރީ 11 ވަނަ ދުވަހުގެ ރޭގަނޑު 11:00 އެވެ.
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސްތައް ދޫކުރަމުންދަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެޔަކު 8:30 އިން 11:00 އަށެވެ. މި މަސައްކަތަކީ ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާގެ އިސްނެގުމުގެ މަތިން، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެން ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މާލެ ސަރަޙައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ 65،230 ޑޮމެސްޓިކް މީޓަރު ހުރިއިރު، ސަރުކާރުން މަސްދަޅު ދޫކުރަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ. މިހާރުވެސް މާލެ ސަރަޙައްދުގެ 14 މަރުކަޒަކުން މަސްދަޅު ދޫކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މަސްދަޅު ކޭސް ހޯދުމަށް ބޭނުންވާ ޓޯކަން https://roadhahadhiya.mv/dv ޕޯޓަލް މެދުވެރިކޮށް ލިބޭނެއެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި ވެސް މިހާރު މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ މަސައްކަތް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލްތަކުންނެވެ. ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާއިން ވަނީ ފަހު ވަގުތަށް މަޑުނުކޮށް، ވީހާވެސް އަވަހަށް މަސްދަޅު ކޭހާ ހަވާލުވުމަށް އާންމުންގެ ކިބައިން އެދިފައެވެ.

