ދުނިޔޭގެ ހަލާލް ޓޫރިޒަމް މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށްޓަކައި ލަންޑަންގައި ބޭއްވުނު “މުސްލިމް ޓްރެވަލް ޝޯ 2026” ގައި ރާއްޖެއިން ބައިވެރިވެ ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
މި މަހުގެ 7 އިން 8 އަށް ކުރިއަށްދިޔަ މި މައުރަޒަކީ ވިލާތުގެ ގައުމުތަކުގައި ބޭއްވޭ މުސްލިމް-ފްރެންޑްލީ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ހަރަކާތެވެ.
ވިޒިޓް މޯލްޑިވްސްގެ ބެލުމުގެ ދަށުން ކުރިއަށްދިޔަ މި ހަރަކާތުގައި، އިސްލާމީ އުސޫލުތަކަށް ލޯބިކުރާ ފަތުރުވެރިންނާއި އިންވެސްޓަރުންނަށް ރާއްޖޭގެ ފެންވަރު ރަނގަޅު ހަލާލް ފްރެންޑްލީ ޚިދުމަތްތައް ވަނީ ދައްކާލާފައެވެ. މި މައުރަޒަކީ 225 ބިލިއަން ޑޮލަރުގެ އަގުހުރި ހަލާލް ޓޫރިޒަމް ދާއިރާގައި ރާއްޖޭގެ މަގާމު ވަރުގަދަކުރުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.
މި މައުރަޒުގައި ރާއްޖޭގެ ފަރާތުން ސަން ސިޔާމް ރިސޯޓްސް، މެންހަޓަން ގްރޭންޑް ހޮޓެލް، އޯޝަން ލިލީ އިން އަދި މޯލްޑިވްސް އިސްލާމިކް ޓޫރިޒަމްއިން ބައިވެރިވެ، އެ ފަރާތްތަކުގެ ޚާއްޞަ ޚިދުމަތްތައް އިޝްތިހާރުކުރިއެވެ. މީގެ ތެރޭގައި މުސްލިމުންނަށް ޚާއްޞަ ވިލާތަކާއި، ހުޅުމާލޭގައި އަލަށް ހުޅުވާ 5 ތަރީގެ ހޮޓަލާއި، ރަށްރަށުގައި ދެވޭ ބޫޓީކް ހޮސްޕިޓާލިޓީ ހިމެނެއެވެ.
މި ހަރަކާތުގެ ތެރެއިން ގުރުއަތުން ހޮވުނު ތިން ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދީފައިވާއިރު، އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިންގެ ބައިވެރިވުންވެސް މި ޝޯގައި ފާހަގަކުރެވުނެވެ. މި ހަރަކާތުގެ ސަބަބުން ލަގްޒަރީ ރިސޯޓްތަކުން ފެށިގެން ލޯކަލް ޓޫރިޒަމާ ހަމައަށް ރާއްޖެއަކީ ހުރިހާ ފަންތިއެއްގެ މުސްލިމް ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލްކަން ހާމަވެގެން ގޮސްފައިވާކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވިއެވެ.

