ޕާކިސްތާން އާރމީ ޓީމް ސްޕިރިޓް މުބާރާތުގައި ދިވެހި ޤައުމީ ދިފާޢީ ބާރުގެ ސްޕެޝަލް ފޯސަސްއިން ރަން މެޑަލް ޙާސިލުކުރުމަކީ ދިވެހި އަސްކަރިއްޔާއަށާއި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޤައުމީ ދިފާޢީ ބާރުން ހޯދި މި ބޮޑު ކާމިޔާބީ ފާހަގަކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 16 ޤައުމަކުން 24 ޓީމު ވާދަކުރި މި މުބާރާތަކީ ޤައުމުތަކުގެ އަސްކަރިއްޔާގެ ހުނަރާއި ޤާބިލުކަން ދައްކާލާ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތުގައި ދިވެހި އަސްކަރީ ޓީމުން ހޯދި ކާމިޔާބީއަށްޓަކައި އެމަނިކުފާނު ވަނީ ދިވެހި ސިފައިންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައި، ޓީމުގެ ހުރިހާ މެންބަރުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފައެވެ.
މި މަހުގެ 5 އިން 7 އަށް ޕާކިސްތާންގެ ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރުގައި ކުރިއަށްދިޔަ މި މުބާރާތުގައި ދިވެހި އަސްކަރިއްޔާގެ ސްޕެޝަލް ފޯސަސްގެ 15 ސިފައިން ބައިވެރިވިއެވެ. ޕާކިސްތާން އަސްކަރިއްޔާއިން އިންތިޒާމުކުރާ “ޕެޓްސް ކޮމްޕެޓިޝަން” އަކީ އަސްކަރީ އަޚްލާޤާއި، ބައިވެރިންގެ ހިތްވަރާއި، ޢަޒުމް އަދި ބުންވަރުގެ އިތުރުން މެންޓަލް ފިޓްނަސް ވަޒަންކުރާ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ.
މި މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ ތަފާތު އުކުޅުތަކާއި، އުނދަގޫ ޙާލަތްތަކުގައި ޓީމުތަކުން ޢަމަލުކުރާނެ ގޮތްތައް ވަނީ އިމްތިޙާނުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މިފަދަ ބައިނަލްއަޤްވާމީ މައިދާނެއްގައި ދިވެހި ސިފައިން ދެއްކި ހިތްވަރަކީ ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން ހުރި މިންވަރު ހާމަކޮށްދިން ކަމެކެވެ.
ދިވެހި ސިފައިންގެ އަސްކަރީ ޤާބިލުކަން އިތުރުކޮށް، ދުނިޔޭގެ އެންމެހާ ނުރައްކާތަކަކަށް ކެރިގެން ކުރިމަތިލެވޭނެ ފަދަ ފައުޖަކަށް ދިވެހި އަސްކަރިއްޔާ ހެދުމަކީ ރައީސް ޑރ. މުޢިއްޒުގެ މުހިއްމު ސިޔާސަތެކެވެ. މިގޮތުން ޤައުމީ ދިފާޢީ ބާރަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައް ހޯދައިދިނުމާއި، ސިފައިންނަށް ބޭނުންވާ މަތީ ފަންތީގެ ތަމްރީނުތައް ފަހިކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

