ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ އާންމު ސަރަހައްދުތަކުގައި ނިވައިކަން ކުޑަ އަންނައުނާއި ބިކިނީ ފަދަ ތަކެތި ލައިގެން ބިދޭސީންނާއި ފަތުރުވެރިން އުޅޭ މައްސަލަ ހައްލުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
މި ޕެޓިޝަން ހުށަހަޅާފައިވަނީ މަޖިލީހުގެ އާ އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ޝައިހް ޒަމްޒަމް ފާރިޝްއެވެ.
މި ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އާންމު ތަންތަނުގައި މިފަދަ ގޮތަކަށް އުޅުމުގެ ސަބަބުން އިސްލާމީ ރިވެތި އަހުލާގާއި ދިވެހި ސަގާފަތް ނެތިދިއުމުގެ ބިރު އެބައޮތެވެ. މީގެ އިތުރުން، މިއީ ކުޑަކުދިން އިސްލާމީ ތަރުބިއްޔަތުގެ މަތީގައި ބޮޑުކުރުމަށް ކުރިމަތިވާ ބޮޑު ހުރަހެއް ކަމަށާއި، މިއީ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެއްކަން ޕެޓިޝަނުގައި ބަޔާންކޮށްފައިވެއެވެ.
ޕެޓިޝަނުގައި އެދިފައިވާ މައިގަނޑު ކަންތައްތައް
މި މައްސަލަ ހައްލުކުރުމަށްޓަކައި ތިން ކަމަކަށް ޕެޓިޝަނުގައި އެދިފައިވެއެވެ:
- މިހާރު ހުރި ގަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރުން
- ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު އަމަލުކުރާނެ އާ ގާނޫނުތަކެއް އެކަށައެޅުން
- ނިވައިކަން ކުޑަ ފޭރާމުގައި އުޅޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން
ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށްރަށުގައި މި މައްސަލަ ބޮޑުވެފައިވާއިރު، ގާތްގަނޑަކަށް 150 މީހުންގެ ސޮއި އާއެކު ހުށަހެޅި މި ޕެޓިޝަނުގައި ސޮއިކުރުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. މި ޕެޓިޝަނަކީ ރާއްޖޭގެ އިޖުތިމާއީ މިންގަނޑުތަކާއި ދީނީ އުސޫލުތައް ހިމާޔަތްކުރުމަށް ގޮވާލައި ހުށަހެޅިފައިވާ މުހިންމު ޕެޓިޝަނެކެވެ.

