ރާއްޖޭގެ ބާޒާރުގައި ކައްކާ ގޭސް ލިބުމަށް ދިމާވެފައިވާ ދަތިތަކަށް ވަރަށް އަވަހަށް ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދީފިއެވެ. އެސްޓީއޯއިން މިހެން ވިދާޅުވީ، އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ގޭސްއިން ވިއްކާ ކައްކާ ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމުގެ ޝަކުވާތައް އާންމުންގެ މެދުގައި އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ރާއްޖެއަށް ކައްކާ ގޭސް އެތެރެކޮށް ވިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ގޭހާއި ވިލާ ކުންފުނިންނެވެ. ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވީ ނަމަވެސް، އެސްޓީއޯއިން ވިދާޅުވީ ރާއްޖޭގައި ކައްކާ ގޭހަށް ނުޖެހޭ މިންވަރަށް ގޭސް ލިބޭނެ ކަމަށާއި، މިހާރު ދިމާވެފައިވާ މައްސަލަ ވަރަށް އަވަހަށް ހައްލުވާނެ ކަމަށެވެ.
އެސްޓީއޯއިން ހާމަކުރި ގޮތުގައި، ގޭސް ލިބުމުގައި މިހާރު ދަތިތަކެއް ދިމާވެފައިވަނީ ދުނިޔޭގެ ބާޒާރުގައާއި ސަރަޙައްދީ ގޮތުން ގޭހުގެ ސަޕްލައިއަށް އައިސްފައިވާ ލޮޅުންތަކެއްގެ ސަބަބުންނެވެ. މި ބަދަލާ ގުޅިގެން މޯލްޑިވްސް ގޭސް މެދުވެރިކޮށް މިހާރު 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުތަކެއްގައި ވިއްކަމުންދަނީ 7 ކިލޯގެ ގޭސްފުޅި ކަމަށް އެ ކުންފުނިން ބުނެއެވެ.
އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ، ގޭހުގެ ސަޕްލައިއަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ގޭސް އެތެރެކުރާ ދެ ކުންފުނި ގުޅިގެން، ވަކި އުސޫލަކުން ބާޒާރުގައި ގޭސް ކޮންޓްރޯލްކޮށްގެން ވިއްކުމަކީ އާންމުކޮށްވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި ގޭސް ހުސްވެގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އެސްޓީއޯއިން ވަނީ ދޮގުކޮށްފައެވެ.
މި މައްސަލަ ހައްލުކޮށް، އަންނަ ހަފްތާގެ ތެރޭގައި ކުރިއެކޭ އެއްފަދައިން 10 ކިލޯގެ ގޭސްފުޅި ބާޒާރަށް ނެރެން ފަށާނެ ކަމަށް އެސްޓީއޯއިން ލަފާކުރެއެވެ. ކުރިއަށް އޮތް ރަމަޟާން މަހަކީ ގޭހަށް އޮންނަ ޑިމާންޑު ބޮޑުވާ މަހެއް ކަމުން، އެ މަހަށް ތައްޔާރުވުމުގެ ގޮތުން ބާޒާރުގައި މެދުނުކެނޑި ގޭސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

