މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާއިރު، މުޅި މަޝްރޫއުގެ 87 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކަށް ބަލާއިރު، މަގުގެ ސަބް-ބޭސްގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި އޭބީސީ (ABC) ފަށަލަ އެޅުމުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މިއަދުގެ ނިޔަލަށް އޭބީސީ ފަށަލަ އެޅުމުގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
މަޝްރޫއުގެ ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާއިރު، މި ހަފްތާގެ ފަހުކޮޅު މަގުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހާބަރު ސަރަހައްދުގައި މުދާ އަރުވާ ބޭލުމަށް ހާއްސަކުރެވިފައިވާ ސަރަހައްދުގެ ކޮންކްރީޓް މަސައްކަތްތަކާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ.
މި މަޝްރޫއުގެ ކުރިން މަސައްކަތް ކުރިއަށްގެންދިޔަ ސަރަހައްދުގައި 48 ގަޑިއިރުގެ ތެރޭގައި ތާރުއަޅާ ނިންމާލާފައިވާތީ، ބާޒާރުމަތި ހިމެނޭ ސަރަހައްދުގެ މަސައްކަތްވެސް އަންނަ ހަފްތާގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.
ސަރުކާރުގެ އަމާޒަކީ ރަމަޟާން މަސް ފެށުމުގެ ކުރިން ބާޒާރުމަތީގެ މި ސަރަހައްދު ނިންމާ އާންމުންނަށް ހުޅުވާލުމެވެ. މިގޮތުން ލޯކަލް މާރުކެޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއް ތަރައްގީކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާއިރު، މިއީ ރަމަޟާން މަހު އާންމުކޮށް ބާރުބޮޑުވާ ބާޒާރުމަތީގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ.
މަގު ހެދުމުގެ މި މަޝްރޫއުގެ ދަށުން މަގު ފުޅާކުރުމަށްޓަކައި ފަޅުތެރެއިން ބައެއް ހިއްކައިގެން 6 މީޓަރުގެ ސަރަހައްދެއް މަގަށް ވަނީ އިތުރުކޮށްފައެވެ. މީގެ ސަބަބުން ބަނދަރު ސަރަހައްދުގައި މުދާ އުފުލުމާއި ދަތުރުފަތުރުކުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
ޖުމްލަ ގޮތެއްގައި ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މުޅި މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް 1,088 މީޓަރުގެ ސަރަހައްދެއް ތަރައްގީކުރާނެއެވެ. މި މަޝްރޫއު ނިމުމުން ބަނދަރު ސަރަހައްދުގެ ތޮއްޖެހުން ކުޑަވެ، އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

