ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މިކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 28 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 15:00 އެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހޭނީ އެ ކޮމިޝަނުގެ ޕޯޓަލް my.elections.gov.mv މެދުވެރިކޮށް ކަމަށްވެސް އީސީން މަޢުލޫމާތު ދެއެވެ.
އިންތިޚާބު އޮބްޒާވްކުރުމަށާއި މޮނިޓަރ ކުރުމުގެ ހުއްދަ ދެވޭނީ ކޮމިޝަނުން ކަނޑައަޅާފައިވާ ވަކި ޝަރުޠުތަކެއް ފުރިހަމަވާ ފަރާތްތަކަށެވެ. އޭގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމާއި، ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒު ކުރެވެމުންދާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
މީގެ އިތުރުން، އަމިއްލަ ގޮތުން ނުވަތަ މަދަނީ ޖަމާޢަތަކުން އޮބްޒާވަރަކަށް ވާން ހުށަހަޅާ ފަރާތެއްނަމަ، އެ މީހަކީ ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި ހިމެނޭ މީހަކަށް ވެގެން ނުވާނެއެވެ. އަދި އިންތިޚާބާ ބެހޭ އެއްވެސް މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނާ ހަވާލުވެގެން ހުރި މީހަކަށް ވެސް ވެގެން ނުވާނެ ކަމަށް އީސީން ބުނެއެވެ.
މި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑަށް ޢަމަލުކުރުމަށް އިޤުރާރުވާ ބަޔަކަށް ވާންޖެހެއެވެ. އަދި ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން އެއްވެސް ފިޔަވަޅެއް އަޅާފައިވާ މީހަކަށް އެ ފުރުޞަތު ނުލިބޭނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

