ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި، ވޯޓުލާން ރަޖިސްޓަރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހެނދުނު ހުޅުވާލާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަށް ރީ-ރަޖިސްޓަރީ ވުމުގެ ފުރުޞަތު މިއަދު ހެނދުނު 10:00 އިން ފެށިގެން ވަނީ ހުޅުވާލެވިފައެވެ. މި ފުރުޞަތު މި މަހުގެ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.
މި މުއްދަތުގައި ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅަން ޖެހޭނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތައް އެކަންޏެވެ. އަދި މަޖިލިސް އިންތިޚާބުގައި ރިސޯޓު، ސިނާއީ ރަށްރަށް، ޖަލު ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކުރި މީހުންގެ ވޯޓުލާ ތަން މިހާރު ރަޖިސްޓަރީވެފައި އޮންނާނީ އެމީހެއްގެ ދާއިމީ އެޑްރެހުގައި ކަމަށްވެސް ކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ.
ރީ-ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށްދާނީ އޮންލައިން ޕޯޓަލްތައް މެދުވެރިކޮށެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުގެ ‘ރީ-ރަޖިސްޓްރޭޝަން ޕޯޓަލް’ (form.elections.gov.mv) ނުވަތަ ‘މައި ޕޯޓަލް’ (my.elections.gov.mv) މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.
ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއާއި ފޮޓޯ ހުށަހަޅަން ޖެހެއެވެ. ނަމަވެސް ވެރިފައިޑް އީފާސް އެކައުންޓެއް މެދުވެރިކޮށް "މައި ޕޯޓަލް" އިން ހުށަހަޅާނަމަ، އައިޑީ ކާޑުގެ ކޮޕީ ނުވަތަ ފޮޓޯ ހުށަހަޅަން ނުޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވައެވެ.

