ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށް، މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު ގެނައުމަށް ޤާނޫނު އަސާސީއަށް ހުށަހެޅި އިސްލާޙު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ހުށަހެޅުއްވި މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 72 މެންބަރުންގެ ވޯޓުންނެވެ.
މި ބިލުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ އިންތިޚާބުތައް ދެން ބާއްވާނީ އެކުއެކީގައެވެ. މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލަށް ގެނައި ބަދަލާއެކު، މަޖިލީހުގެ އުމުރަކީ ކޮންމެ ފަސް އަހަރެއްގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އަލަށް އިންތިޚާބުކުރާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ވެސް ބާއްވަން ޖެހޭނީ ޑިސެންބަރު 1 ގައެވެ.
މި އިސްލާޙާއެކު މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވެގެންދާނެއެވެ. ޤާނޫނު އަސާސީގައި މިހާރު އޮތް ގޮތުން 2029 ވަނަ އަހަރު މަޖިލީހުގެ ދައުރު ހަމަވި ނަމަވެސް، އާ އިސްލާޙުގެ ދަށުން މި މަޖިލީހުގެ އުމުރު 1 ޑިސެންބަރު 2028 އަށް ހަމަވާނެއެވެ. އެހެންކަމުން ދެން އެންމެ އަވަހަށް ބާއްވާ މަޖިލިސް އިންތިޚާބު އޮންނާނީ ރިޔާސީ އިންތިޚާބާ އެކުގައެވެ.
ބިލުގެ ބަހުސް މަރުހަލާގައި ސަރުކާރަށް ތާއީދުކުރާ މެންބަރުން މި ބަދަލަށް ތާއީދުކުރެއްވި ނަމަވެސް، އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ މި އިސްލާޙާ ދެކޮޅަށް މަޖިލީހުގެ ތަޅުމުގައި އަޑުއުފުލާފައެވެ. މަޖިލިސް ތަޅުމުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ރިޔާސަތުން ވަނީ ބައެއް މެންބަރުންގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފައެވެ.
ކަން މިހެން އޮތް ނަމަވެސް، މި އިސްލާޙު ތަސްދީގު ކުރެއްވުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހެއެވެ. އިލެކްޝަންސް ކޮމިޝަނުން ލަފާދީފައިވަނީ މި ވޯޓަށް ހިނގާ ޚަރަދު ކުޑަކުރުމުގެ ގޮތުން، އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ އެކު މި ވޯޓު ކުރިއަށް ގެންދިއުމަށެވެ. މި ވޯޓު ނެގުން ކުރިއަށްދާނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އެކަން ކޮމިޝަނަށް އެންގުމުންނެވެ.

