މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައެއްގައި، ގ. ހެޕީސައިޑް އިބްރާހިމް އަހުމަދު 11 މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން މުހައްމަދު ވަހީދާއެކުގައެވެ.
ދައުލަތުން އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ފޭރުމާއި، އަދި އެހެން މީހެއްގެ މުދަލަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއެވެ. އިބްރާހިމް އަހުމަދު ވަނީ މި ހުރިހާ ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލާފައެވެ.
އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން އޭނާއަށް އިއްވި ޖަލު ހުކުމްތަކުގެ ތެރެއިން ބައެއް ވަނީ ޖޫރިމަނާގެ އަދަބަށް ބަދަލުކޮށްފައެވެ. އެގޮތުން ޖުމްލަ 11 މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހޭއިރު، ޖޫރިމަނާގެ ގޮތުގައި 255,600 ރުފިޔާ ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.
މީގެ އިތުރުން، އަނިޔާ ލިބުނު ބިދޭސީންނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 53,500 ރުފިޔާ ދެއްކުމަށްވެސް ކޯޓުން ވަނީ އިބްރާހިމް އަހުމަދުގެ މައްޗަށް އަމުރުކޮށްފައެވެ.

