ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް އަންނަ ހަފުތާގައި ފާފު އަތޮޅާއި ދާލު އަތޮޅުގައި ފެށުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ. މި ދެ އަތޮޅުގައި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޖުމުލަ ހަތަރު ރޫޓެއްގައެވެ.
މި މަޝްރޫޢުގެ ދަށުން ފާފު އަތޮޅުގައި އެއް ރޫޓު، ދާލު އަތޮޅުގައި ދެ ރޫޓު، އަދި ދެ އަތޮޅު ގުޅުވައިދޭ އެއް ރޫޓުގައި ދަތުރުތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. ދެ އަތޮޅު ގުޅުވައިދޭ ދަތުރުތައް ކުރިއަށްދާނީ ފ. ނިލަންދޫ އާއި ދ. މީދޫއާ ދެމެދުގައެވެ. މި ދަތުރުތަކުގައި ޖުމުލަ ދެ ފެރީ ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަންނަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް މި ދެ އަތޮޅުގައި ތަޖުރިބާ ދަތުރުތައް ކުރިއަށްދާނެއެވެ. މި މުއްދަތުގައި އާންމުންނަށް އެއްވެސް އަގަކާ ނުލައި ދަތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ. އެމްޓީސީސީން މިހާރު ދަނީ މި ދެ އަތޮޅުގެ ރަށްތަކުގައި ރޫޓުތަކުގެ މަޢުލޫމާތާއި، އަގުތަކާއި، އަދި ޚިދުމަތް ހޯދުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތައް ބާއްވަމުންނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި، އަގު ނަގައިގެން ރަސްމީކޮށް ޚިދުމަތް ދޭން ފަށާނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ. މިއީ އަތްފޯރާ އަގެއްގައި ރަށްތަކުގެ މެދުގައި ދަތުރުފަތުރު ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މިހާތަނަށް ރާއްޖޭގެ 12 އަތޮޅެއްގައި އާރްޓީއެލްގެ ޚިދުމަތް ވަނީ ފަށާފައެވެ. މިހާރު ޚިދުމަތް ނުފެށި އޮތީ ޒޯން 3 (ކ، އއ، އދ، ވ) އަދި ޒޯން 4 (މ، ފ، ދ، ލ) ގައެވެ. ފާފު އަތޮޅާއި ދާލު އަތޮޅުގެ އިތުރުން، މި ޒޯންތަކުގައި ހިމެނޭ އެހެން އަތޮޅުތަކުގައިވެސް ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
2022 ވަނަ އަހަރު ފެށި އާރްޓީއެލް ފެރީގެ ނިޒާމަކީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއަށް އައި ބޮޑު ބަދަލެކެވެ. މި ސަރުކާރުންވެސް އަންނަނީ ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް، މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް ގެންދަމުންނެވެ.

