އަންނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔަރ" ގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަން އިޢުލާންކުރައްވާފައިވާއިރު، މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުން އޮންނާނެ އަހަރަކަށް ހެއްދެވުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވި ގޮތުގައި، މި ހަރަކާތްތަކުގައި އެއްވެސް ރަށެއް ބާކީ ނުކޮށް، މުޅި ރާއްޖެ ޝާމިލުވާނެ ގޮތަށް ކަންކަން ރޭވުމަށް ވަނީ ނިންމާފައެވެ.
މި އަހަރު ފާހަގަކުރުމުގައި ދިވެހިންގެ ސަގާފަތާއި، ދިރިއުޅުމުގެ އާދަކާދަތަކާއި، ކެއްކުންތަކުގެ އިތުރުން ކާބަފައިންގެ ވާހަކަތަކަށް ޚާއްޞަ އިސްކަމެއް ދޭނެއެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށަށް ލިބިފައިވާ ޚާއްޞަ ސިފަތަކާއި މުހިންމުކަން ފަތުރުވެރިންނަށް ދައްކާލުމަކީވެސް މި އަހަރުގެ މުހިންމު އެއް މަގުސަދެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 55 އަހަރު ފުރޭ މި މުނާސަބަތާ ގުޅުވައިގެން ކުރިއަށްގެންދާ މި ހަރަކާތަށް ތައްޔާރުވުމުގެ ގޮތުން، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއެކު މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށް 5.5 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، މިއަހަރުގެ އަމާޒަކީ 2.5 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ

