ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރަސްމީ ދުވަސްތަކާއި ބަންދު ދުވަސްތަކުގައި ފެމިލީ ކޯޓުން ކައިވެނިކޮށްދިނުމުގެ ހިދުމަތް ދޭނެ ގަޑިތައް އެ ކޯޓުން މިއަދު އާންމުކޮށްފިއެވެ.
ފެމިލީ ކޯޓުން ނެރުނު އިއުލާނެއްގައިވާ ގޮތުން، ރަމަޟާން މަހުގެ ރަސްމީ ދުވަސްތަކާއި، ހުކުރު އަދި ހޮނިހިރު ނޫން ބަންދު ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށްދޭނީ ހެނދުނު 09:30 އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 14:00 އިން 14:30 އަށެވެ. ހަފުތާ ބަންދު ދުވަސްތައް ކަމަށްވާ ހުކުރު އަދި ހޮނިހިރު ދުވަހު ކޯޓުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:45 އިން 22:45 އަށެވެ.
ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަލާއިރު، ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގައި މެންދުރުފަހު 14:00 އިން 16:30 އަށް އަދި ރޭގަނޑު 21:45 އިން 22:45 އަށް ކައިވެނިކޮށްދޭނެއެވެ. ހުކުރު ދުވަހު ކޯޓުން ބޭރުގައި ކައިވެނިކޮށްދޭނީ ހަމައެކަނި ރޭގަނޑު 21:45 އިން 22:45 އަށެވެ.
ފެމިލީ ކޯޓުން މި ގަޑިތައް އާންމުކޮށްފައިވަނީ ރަމަޟާން މަހަކީ ގިނަ ބަޔަކު ކައިވެނީގެ ކަންކަން ކުރިއަށް ގެންދާ މަހަކަށް ވާތީ، އާންމުންނަށް ލުއިފަސޭހަކޮށްދިނުމުގެ މަގުސަދުގައެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެ ކޯޓުގެ ނަންބަރު 3325501 ނުވަތަ 3340085 އަށް ގުޅުއްވުމަށް ކޯޓުން އެދެއެވެ.

