ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓުތަކުގެ ތެރެއިން މިހާތަނަށް 460 ޓަނުގެ ކުނި ނަގައި، އުސޫލާ ޚިލާފަށް ކުނި އަޅާ ފަރާތްތަކަށް ފިޔަވަޅު އަޅައި ޖޫރިމަނާކުރަން ފަށައިފިއެވެ. މި މަސައްކަތަކީ އެފްޑީސީ އާއި ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން، ފްލެޓްތަކުގެ ޢާންމު ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމަށް ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަނެކެވެ.
އެފްޑީސީން ހާމަކުރި ގޮތުގައި، އަމާން ދޯދި މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ 13 ޓަވަރަކުން މިހާތަނަށް ޖުމްލަ 460 ޓަނުގެ ކުނި ވަނީ ނަގާފައެވެ. މިއީ ގާތްގަނޑަކަށް 27 ޑަމްޕް ޓްރަކުގެ ކުނި ކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. މި މަސައްކަތުގެ ދަށުން އަމާން އުދަރެސް އަދި ދޯދީގެ ޖުމްލަ 32 ޓަވަރު ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފްލެޓުތަކަށް އަލަށް ބަދަލުވާ ފަރާތްތަކުން ގެންދާ ސާމާނާއި، އިންޓީރިއާ މަސައްކަތްތަކުން އުފެދޭ ފަރުނީޗަރާއި، އޭސީ އަދި ޓީވީ ފަދަ ތަކެތީގެ ކުނިން ޓަވަރުތަކުގެ ތިރި ވަނީ ވަރަށް ބޮޑަށް ހަޑިވެފައެވެ.
އިމާރާތްތަކުގެ ކޮރިޑޯތަކާއި، ހިނގާ މަގުތަކުގެ އިތުރުން ޓަވަރުތަކުގެ ބޭރު ސަރަޙައްދުތަކަށް ކުނި އެޅުމަކީ މަނާކަމެއްކަން ފާހަގަކޮށް، އެފްޑީސީން ވިދާޅުވީ އުސޫލާ ޚިލާފަށް ކުނި އަޅާ ފަރާތްތައް މިހާރު ޖޫރިމަނާކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް އުސޫލާ ޚިލާފުވި ބައެއް ފަރާތްތަކާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.
"ގޭބިސީތަކުން އުފެދޭ ކުނި އުކާލަންވާނީ ހަމައެކަނި ގްރައުންޑް ފްލޯގައި ހުންނަ ގާބޭޖު ރޫމްތަކުގައި އެކަމަށް ޚާއްޞަކޮށްފައި ހުންނަ ކުނިވަށިތަކަށް. ޔުނިޓުތަކަށް އަލަށް ބަދަލުވާއިރު އުފެދޭ ފޮށިގަނޑުތަކާއި ފުޅިމަދު ފަދަ ތަކެތި އުސޫލާ އެއްގޮތަށް އުކާލުމަކީ ޔުނިޓުގެ ވެރިފަރާތުގެ ޒިންމާއެއް،" އެފްޑީސީން ނެރުނު ބަޔާނުގައިވެއެވެ.
އުސޫލުން ބޭރުން ކުނި ޖަމާކުރުމުގެ ސަބަބުން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، ޢާންމު ޞިއްޙަތާއި ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އެފްޑީސީން ފާހަގަކުރެއެވެ. އެހެންކަމުން، ދިރިއުޅޭ މާޙައުލުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ކުނި އުކާލުމުގައި ހަމަޖެހިފައިވާ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.


