ޖަރުމަނުވިލާތުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށާއި، އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ވިޒިޓް މޯލްޑިވްސްއާއި ޑާޓުއަރއިން މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި މޯލްޑިވްސް-ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. ޑާޓުއަރގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އިންޑިއަން އޯޝަން އެންޑް އޭޝިއާ، ޔޯން ކްރައުޒަރއެވެ. މިއީ ވިލާތުގެ ބާޒާރުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރަށް ހަރުދަނާކުރުމަށް އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި އެއްބަސްވުމުގެ ދަށުން، ޖަރުމަނުވިލާތުން ރާއްޖެއަށް އަހަރަކު މަދުވެގެން 100,000 ފަތުރުވެރިން ގެނައުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި ޖެހިގެން އަންނަ އަހަރު މި އަދަދު 200,000 އަށްވުރެ މައްޗަށް ޖެއްސުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޖަރުމަނުގެ ފަތުރުވެރިންގެ ޝައުޤުވެރިކަމަށް ބިނާކޮށް ޕްރޮމޯޝަނަލް ކެމްޕޭންތަކާއި ޓްރޭޑް އިވެންޓްތައް ހިންގުމަށްވެސް ވަނީ އެއްބަސްވެފައެވެ.
ޑާޓުއަރއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން އަންނަ، އަދި ރާއްޖޭގައި ރިސޯޓް އިންވެސްޓްމަންޓްތައްވެސް ގެންގުޅޭ އިތުބާރު ހުރި ކުންފުންޏެކެވެ. މި ފަހުމުނާމާގެ ދަށުން، ރާއްޖެ އިޝްތިހާރު ކުރުމަށް އެކުލަވައިލާ ސްޓްރެޓެޖީތައް ހަރުދަނާ ކުރުމަށްޓަކައި ޑާޓުއަރއިން ފަންނީ ލަފަޔާއި މާކެޓް އެކްސްޕަޓީޒް ފޯރުކޮށްދޭނެއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި:
• ޖަރުމަނުގެ ބާޒާރަށް އަމާޒުކޮށްގެން ގުޅިފައިވާ ޕްރޮމޯޝަނަލް ކެމްޕޭންތައް ހިންގުން.
• ޓްރޭޑް އިވެންޓްތަކާއި ސޭލްސް އެކްޓިވޭޝަންތައް ކުރިއަށް ގެންދިޔުން.
• ފަތުރުވެރިކަމާ ގުޅޭ މުހިންމު ތަފާސްހިސާބުތަކާއި ބާޒާރުގެ ފަންނީ ތަޞައްވުރު ޙިއްސާ ކުރުން.
މި މަސައްކަތްތަކުގެ މައިގަނޑު މަޤުސަދަކީ ޖަރުމަނުވިލާތުގެ ޓްރެވަލް ޓްރޭޑް ދާއިރާއާ އޮންނަ ގުޅުން ބަދަހިކޮށް، ދިވެހިރާއްޖެއަކީ ޖަރުމަނު ފަތުރުވެރިން އެންމެ އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމެވެ. މިއީ ރާއްޖޭގެ އެންމެ މުހިންމު އެއް ބާޒާރު ކަމަށްވާ ޖަރުމަނުވިލާތުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް ވިޒިޓް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

