ހދ. ކުޅުދުއްފުށި ސިޓީގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ފުޓުބޯޅަ ދަނޑުގެ ޓާފް އެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް، އަންލޯޑް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ މަސައްކަތްތަކާ ގުޅޭގޮތުން އާރްޑީސީން ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވަނީ، މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމުގައި އެ ކުންފުނީގެ ކުޅުދުއްފުށީ ސިޓީގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ޓާފް އެޅުމަށް ބޭނުންވާ ސާމާނު ރަށަށް ގެންދެވުމާއެކު، ދަނޑުގެ ފިނިޝިން މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.
އާރްޑީސީން މީގެ ކުރިން ބުނިގޮތުގައި، ކުޅުދުއްފުށީ ސިޓީގެ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށާއި ދަނޑުގެ ސޯކް ޕިޓް ޖަންކްޝަންތައް ބެހެއްޓުމާއި، ސަބް-ބޭސް ލެވެލްކުރުމުގެ މަސައްކަތް ނިމެމުންދާ ކަމަށެވެ.
މި މަޝްރޫއަކީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަޝްރޫއެކެވެ. މި ދަނޑު ތަރައްޤީވެ ނިމުމުން ކުޅުދުއްފުށީގެ ކުޅިވަރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ޒުވާނުންނަށް ފެންވަރު ރަނގަޅު ދަނޑެއްގައި ކުޅިވަރު ކުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

