ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު ޖަރުމަނުވިލާތަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޭރު ޤައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި އެ ޤައުމުތަކުގައި ދިރިއުޅޭ ލޮބުވެތި ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އަދި ޖަރުމަނުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ވަނީ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
މި ބައްދަލުވުމުގެ ތެރެއިން، ބައިވެރިވި ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާއާ ވަކިން ބައްދަލުކޮށް، އެމީހުންގެ ހުރި ކަންބޮޑުވުންތަކާއި ޝުޢޫރުތައް ހިއްސާކުރުމުގެ ފުރުސަތުވެސް ވަނީ ދެއްވާފައެވެ. މިފަދަ ބައްދަލުވުންތަކަކީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ގާތުން ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ބައެކެވެ.

