ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ހެވީ މެޝިނަރީގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ ދަށުން މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ރޯޑް ޑިވެލްޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުތަކަށް ބޭނުންވާ މެޝިނަރީ ހޯދުމަށްޓަކައި މި އެއްބަސްވުން ގާއިމުކުރީ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ހެވީ މެޝިނަރީ އުފައްދާ ކުންފުނި ކަމަށްވާ ޗައިނާގެ އެކްސް.ސީ.އެމް.ޖީ (XCMG) އާއި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައިޑީއެސް) އާ ދެމެދުގައެވެ.
ޗައިނާގައި ސޮއިކުރި މި “ބިޒްނަސް ކޯޕަރޭޝަން އެގްރީމަންޓް” އަކީ އާރްޑީސީ އާއި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަނާއި ދެމެދު ވެފައިވާ ފަހުމުނާމާގެ ދަށުން ކުރިއަށްގެންދިޔަ މުހިންމު މުޢާމަލާތެކެވެ. މި އެއްބަސްވުމުގެ ދަށުން، މަގު ހެދުމަށް ބޭނުންވާ އަސްފަލްޓް މެޝިނަރީ ހިމެނޭހެން ޖުމްލަ 230 މެޝިނަރީ ރާއްޖެއަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމުގެ ދަށުން ހަމައެކަނި މެޝިނަރީ ގެނައުމުގެ އިތުރުން، މި ތަކެއްޗަށް ބޭނުންވާ މަރާމާތުގެ ޚިދުމަތްދޭ މަރުކަޒަކާއި، ސްޕެއަރ ޕާޓްސް ވިއްކާ މަރުކަޒެއް އެކްސް.ސީ.އެމް.ޖީ އާއި އައިޑީއެސް ގުޅިގެން ރާއްޖޭގައި ގާއިމުކުރުމަށް ވެސް ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުވިވެ، އުމްރާނީ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މި އެއްބަސްވުމުގައި އައި.ޑީ.އެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އަދި އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމެވެ. އެކްސް.ސީ.އެމް.ޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސައުތު އޭޝިއާ ސަރަޙައްދުގެ ޖެނެރަލް މެނޭޖަރ މިސްޓަރ ޓޫ ހުއި އެވެ. މި ރަސްމިއްޔާތުގައި އެކްސް.ސީ.އެމް.ޖީގެ އިސް ބޭފުޅުންނާއި އާރް.ޑީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަބީހް އަފީފް ބައިވެރިވެވަޑައިގެންނެވިއެވެ.
އާރްޑީސީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގު ހެދުމާއި، ބްރިޖް މަރާމާތުކުރުމާއި، ހައިވޭތަކާއި ކޯޒްވޭތައް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާ ސަރުކާރުގެ ސައްތަ އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. މި އައު މެޝިނަރީތަކާއެކު އެ ކުންފުނިން މިހާރު ހިންގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

