އަދާ ކުރާ ވަޒީފާ އަށް ސަލާމްބުނުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް މި ދިވެހިރާއްޖޭގެ ބައެއް މީހުން ގަބޫލު ކުރެއެވެ. އަހަރެއް ނިމިގެން ދާއިރު، ވަޒީފާ އަށް ސަލާމް ނުބުނެ އުޅޭ މުވައްޒަފުން ވެސް ތިބޭއިރު، ފަހަރުގައި އެއީ ސަލާމް ބުނަން ޖެހޭ ވަރުގެ ކަމެއް ދިމާ ނުވަނީ ކަމުގައިވެސް ވެދާނެއެވެ. އެހެން ނަމަވެސް، މީގެ ތެރެއިން ބައެއް މީހުންނަކީ އެދުމަތިވާން ޖެހިފައި އޮތަސް ސަލާމް ނުބުނެ ކޮންމެ ގޮތެއް ހަދާފަވެސް ވަޒީފައަށް ނިކުންނަ ބައެކެވެ. ސަބަބެއްގެ ގޮތުގައި ތިމާ އަކީ ދުވަހަކުވެސް ސަލާމް ނުބުނާ މީހެއްގެ މުވައްޒަފުގެ ލަގަބު ހޯދުމަށް ކުރާ ކަމެއް ކަމަށް ބުނެއެވެ. މީގެ ތެރެއިން އަނެއް ބަޔަކީ އެއިދާރާ އެއްގެ ހުންނަ ވެރިޔަކު ދެކެ ގަންނަ ބިރެއްގެ ބޮޑު ކަމުން، ނުވަތަ ތިމާ އަކީ ފަރުވާކުޑަ މުވައްޒަފެއް ކަމުގައި ލޭބަލް ކޮށްފާނެ ކަމަށް ސަލާމް ނުބުނާ މުވައްޒަަފުންނެވެ.
އެހެން ނަމަވެސް، ސަލާމް ނުވަތަ މުޅި ދުނިޔޭގެ ކޮންމެ މުވައްޒަފަކަށްވެސް ލިބޭ “ސިކް ލީވް” އަކީ ޤާނޫނީ ގޮތުން ކޮންމެ މުވައްޒަފަކަށް ލިބޭ ހައްޤެކެވެ. ކޮންމެ މަހެއްގެ މުސާރަ ލިބޭ ފަދައިން ސަލާމް ގެ ދުވަސް ތަކަކީ އަހަރުން އަހަރަށް ލިބޭ އެއްޗެކެވެ. މުޅި ދުނިޔޭގައި މިކަން މިގޮތަށް އޮންނަނީ ވަރަށް ބައިވަރު އަދި ބޮޑެތި ހިކުމަތްތަކެއް އެކަމުގައި ވާތީއެވެ.
ސަލާމަކީ ބަލިވުމުން، އަރާމު ކޮށްލުމަށް ލިބޭ ދުވަހަކަށް ވާއިރު، ބަލިވުމަކީ އަހަރެމެންގެ އިހުތިޔާރުގައި އޮންނަ ކަމެއް ނޫނެވެ. ބަލި ވުމަކީ އަމިއްލަ އަށް ކުރާ ކަމަކަށް ނުވާ އިރު ހަށިގަނޑު އެއްޗެއް ބުނެދޭން އުޅެންޏާ އަޑު އަހާށެވެ. އުމުރު ދުވަހު މަސައްކަތުގައި އުޅޭ އިރު، ގިނަ ދިވެހި މުވައްޒަފުންނަށް ހެނދުނު ރަނގަޅު ނާސްތާއެއް ނުލިބެއެވެ. މެންދުރު ރަނގަޅު ކެއުމެއް ނުލިބެއެވެ. އަދި ރަނގަޅު އަރާމެއް ނުލިބެއެވެ. މިގޮތަށް ހުއްޓުމެއް ނެތި ބުރަ މަސައްކަތުގައި އުޅޭއިރު ހަށިގަނޑަށް ވެސް “ބްރޭކިން ޕޮއިންޓެއް” އަންނާނެ އެވެ. އެ ހިސާބުން ހަށިގަނޑުގެ ބަސްއަހައިގެން އަރާމުކޮށްލަން ޖެހެއެވެ. އެއްކަލަ ސަލާމްގެ ބޭނުން ޖެހުނީއެވެ.
ސަލާމް ބުނެގެން ތިމާއަށާއި ތިމާގެ އޮފީހަށް ވާ ގެއްލުމަށް ވުރެ ސަލާމް ނުބުނުމުން ވާ ގެއްލުން މާ ބޮޑެވެ. އެގޮތުން މި ބަލާލަނީ ބައެއް ސަބަބު ތަކަށެވެ.
ބަލިވެ ހުއްޓާ ރަނގަޅަށް މަސައްކަތް ކުރެވޭނެތަ؟
އޮފީހުގެ މަސައްކަތެއް ކުރަންޏާ ކޮންމެހެން އޮފީހުގައި ހުންނަން ވެސް ޖެހޭ ހެއްޔެވެ؟ ނުވަތަ އެއީ ކޮންމެހެން މިއަދަށް ނޫނީ މާދަމާއަށް ނިންމަން ޖެހޭ ކަމެއް ހެއްޔެވެ؟ އެކަން ކުރެވޭނެ އެހެން މީހެއް ނުހުންނާނެ ހެއްޔެވެ؟ މި ވިސްނުންތައް އެއްކިބާކޮށް ހަމަޖެހިލާށެވެ. ހަގީގަތަކީ ބަލިވެ ހުއްޓާ އޮފީހަށް ދިޔަސް މާ ބައިވަރު މަސައްކަތްތަކެއް ނުކުރެވޭނެ ކަމެވެ. އެއީ ހުރި ހަކަތަކޮޅު ވެސް ބޭކާރުކޮށްލުމެވެ. އެހެން ކަމުން ހަމަޖެހިލައިގެން އަރާމުކޮށްލާށެވެ.
ބަލިވެ ހުރެ އޮފީހަށް ނުކުތުމުން އެހެން މުވައްޒަފުންވެސް އެ ބައްޔަށް ހުށަހެޅިގެންދޭ
ކޮވިޑް-19 ފަދަ ބަލިމަޑުކަމެއް ފެތުރިގެން އުޅޭ މިފަދަ ދުވަސްވަރުތަކުގައި މިކަމަށް ކުރިއަށް ވުރެ ބޮޑަށް ސަމާލުކަން ދޭން ޖެހެ އެވެ. ބަލިވެ ހުއްޓާ އޮފީހަށް ދިއުމުން އެހެން މުވައްޒަފުން އެ ބައްޔަށް ހުށަހެޅިގެންދެ އެވެ. އެހެން ކަމުން ގޭގައި މަޑުކުރާށެވެ. އެންމެން އެއްފަހަރާ ބަލިވެ ސަލާމް ބުނުމަށް ވުރެ އެންމެ މީހަކު ބަލިވެ ސަލާމުގައި ހުރުން ބޮސްއަށް ވެސް މާ ރަނގަޅުވާނެ އެވެ.
ތި ދެއްކެނީ ރަނގަޅު ނަމޫނާއެއް ނޫން – ގޯސް ނަމުނާއެއް
ބަލިވެ ހުއްޓާ ވެސް އޮފީހަށް އައިސް ހުރުމުން ހިތުން އެ ދައްކުވައިދެނީ ތިމާގެ ހިތްވަރު ގަދަ ކަމާއި މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަން ކަމަށް ހީކުރެވޭ ދޯ އެވެ. ތިއީ ކުށް ހީ އެކެވެ. ހަގީގަތުގައި އެކުގައި މަސައްކަތް ކުރާ މީހުންނަށް ތި ދައްކުވައިދެވެނީ ވަރަށް ގޯސް ނަމޫނާ އެކެވެ. ތި ބުނެވެނީ ކޮންމެ ގޮތެއް ވިޔަސް ކޮންމެ ހާލަތެއްގައި ހުއްޓަސް ވަޒީފާއަށް އަންނާށެވެ. އެންމެ މުހިއްމު ކަމަކީ ވަޒީފާ އަދާކުރުން ކަމެވެ. އެހެން ނަމަވެސް މިހުރިހާ ކަމަކަށް ވުރެ ކުރިއަށް އަންނަން ވާނީ މީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ ކަމެވެ. އެކަމަށް ފަރުވާ ކުޑަކޮށްގެން ނުވާނެ އެވެ.
ސަލާމް ބުނަންވީ ކޮން އިރަކު؟
މިއަދު އޮފީހަށް ގޮސް މަސައްކަތް ކުރަން ތިމާގެ ސިއްހަތު ތަން ނުދޭ ކަމަށް އިހުސާސް ވަންޏާ ދެރަ ނުވެ، ކަންބޮޑުނުވެ ސަލާމް ބުނެލާށެވެ. ތިމާ އަށް ވުރެ ބޮޑަށް ތިމާގެ ހަށިގަނޑު އެނގޭނެ މީހެއް ނުހުންނާނެ އެވެ. އެހެން ކަމުން ބަލިވާ ކަމުގެ އިހުސާސުވަންޏާ އެކަން އަޅާނުޅާ ދޫނުކޮށްލާށެވެ.
ސަލާމް ބުނުމަކީ ވަޒީފާއަށް ފަރުވާ ކުޑަކުރުމެއް ނޫނެވެ. އެއީ އަދި ކޮންމެހެން ޗުއްޓީ ނެގުމެއްވެސް ނޫނެވެ. ބަލިވުމުގެ ސަބަބުން އޮފީހަށް ނުދިއުމުގެ އިތުރުންވެސް އެތައް ޕްލޭނެއް ކެންސަލް ކުރަން ޖެހެއެވެ. މި ހާލަތުގައި ކުރެވެން އޮތްހާވެސް ކަމަކީ ކަންބޮޑު ނުވެ، ގޭގައި އަރާމުކޮށްލާ ބަލިން ރަނގަޅު ވުމަށް މަސައްކަތް ކުރުމެވެ.

