މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ތިން ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.1 އިންސައްތައިގެ ކުރިއެރުމެކެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 303,488 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 288,798 ފަތުރުވެރިންނެވެ. މި މަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 10,462 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
އެންމެ ގިނައިން ފަތުރުވެރިން އައި ގައުމުތައް
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ޗައިނާ އާއި ރަޝިޔާއެވެ. އެގޮތުން
- ޗައިނާއިން 39,132 ފަތުރުވެރިން
- ރަޝިޔާއިން 36,565 ފަތުރުވެރިން
- އިޓަލީ (30,656)،
- އިނގިރޭސިވިލާތް (27,864)،
- ޖަރުމަނުވިލާތް (18,630)
- އިންޑިއާ (11,223)
މީގެ އިތުރުން ފަރަންސޭސިވިލާތް، އެމެރިކާ، ޕޮލެންޑް އަދި އޮސްޓްރިއާ އަކީވެސް ގަދަ 10 ގައި ހިމެނޭ ގައުމުތަކެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އެތެރެވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ. އެގޮތުން 299,764 ފަތުރުވެރިން އެ އެއަރޕޯޓުން އެތެރެވިއިރު، މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް 1,012 ފަތުރުވެރިން އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް 962 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ފެބުރުވަރީ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 8,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އާދެއެވެ.
މިދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ރެކޯޑު އަދަދަކަށް ފަތުރުވެރިން އައި އަހަރެކެވެ. އެގޮތުން 2.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން މިދިޔަ އަހަރު ޒިޔާރަތްކުރިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ އަމާޒަކީ 2.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުން ކަމަށް އިއުލާން ކުރައްވާފައެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

