ރާއްޖޭގެ ރަށު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށާއި އަލަށް މި ދާއިރާއަށް ނުކުންނަ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި އެސްއެމްއީ ޑިޖިޓަލްއިން "ގެސްޓްހައުސް ފައިނޭންސިންގ" އަދި "ގެސްޓްރޫމް ފައިނޭންސިންގ" ގެ ނަމުގައި އިސްލާމީ ޝަރީޢާގެ އުސޫލުތަކަށް ފެތޭ ދެ ފެސިލިޓީއެއް ތަޢާރަފުކޮށްފިއެވެ.
މި ފެސިލިޓީތަކުގެ މައިގަނޑު މަޤްޞަދަކީ ރަށު ފަތުރުވެރިކަން ފުޅާކުރުމަށް ހުރި މާލީ ހުރަސްތައް ނައްތާލައި، އަތޮޅުތެރޭގެ އިޤްތިޞާދު ކުރިއެރުވުމެވެ.
"ގެސްޓްހައުސް ފައިނޭންސިންގ" އަކީ މަދުވެގެން 6 ކޮޓަރީގެ ގެސްޓްހައުސްތައް އަލަށް އިމާރާތްކުރުމަށާއި، މިހާރު ހުރި ތަންތަން ތަރައްޤީކޮށް ޒަމާނީ ކުރުމަށް ފަރުމާކޮށްފައިވާ ފެސިލިޓީއެކެވެ. މި ފެސިލިޓީގެ ދަށުން 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރާއިރު، މަޝްރޫޢުގެ %20 އަމިއްލައަށް ހަމަޖައްސަންޖެހެއެވެ. މި ފައިސާ އަނބުރާ ދެއްކުމަށް 18 މަހުގެ ގްރޭސް ޕީރިއަޑަކާއެކު ޖުމްލަ 15 އަހަރުގެ މުއްދަތެއް ލިބެއެވެ.
"ގެސްޓްރޫމް ފައިނޭންސިންގ" ޚާއްޞަކޮށްފައިވަނީ 5 ކޮޓަރިއަށް ވުރެ މަދު ހޯމްސްޓޭ ވިޔަފާރިތަކަށާއި ލޯކަލް ގެސްޓްހައުސްތައް ފުޅާކުރުމަށެވެ. މި ފެސިލިޓީގެ ދަށުން 1.5 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭއިރު، މީގައިވެސް %20 އަމިއްލަ ހިއްސާ ބޭނުންވެއެވެ. މި ފެސިލިޓީ އަނބުރާ ދެއްކުމަށް 12 މަހުގެ ގްރޭސް ޕީރިއަޑަކާއެކު 10 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.
މިކަމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، "ގެސްޓްހައުސް ފައިނޭންސިންގ އަކީ އަލަށް ފަށާ ގެސްޓްހައުސްތައް ތަރައްޤީކުރުމަށާއި، މިހާރު ހިންގަމުންދާ ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ، ދެމެހެއްޓެނިވި ގޮތެއްގައި އިމާރާތްކުރުމަށާއި، ފެންވަރު މަތިކުރުމަށް މަގުފަހިކޮށްދޭ ވަސީލަތެކެވެ." އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ފެސިލިޓީގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެނދުގެ އަދަދު އިތުރުވެ، ވަޒީފާގެ ފުރުސަތުތައް އުފެދި، ރަށްރަށުގެ އިގްތިސާދު ވަރުގަދަވެގެންދާނެއެވެ.
މި ފެސިލިޓީތަކަށް އެދޭ ފަރާތްތަކުގެ މާލީ ތަނަވަސްކަމަށް ބަލާއިރު، އެ ފަރާތަކަށް ލިބޭ މުސާރަ، ކުލި ނުވަތަ ވިޔަފާރީގެ އާމްދަނީއަށް ރިއާޔަތްކުރެވޭނެއެވެ. މިއީ ރަށްރަށުގެ ކައުންސިލްތަކުން ދޫކުރާ ބިންތަކުގައި ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެއްކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވަނީ ބުނެފައެވެ.


