ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، އަދި ބިންވެރިޔާ ސްކީމުން ދޫކުރި ޖޮއިންޓް ގޯތިތައް ދޫކޮށްލާނަމަ އޭގެ ތެރެއިން ކޮންމެ މީހަކަށް ވަކިން ގޯތި ލިބޭނެ ގޮތަށް އުސޫލު ބަދަލުކޮށް، އެ ކެޓަގަރީއަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މާޗު މަހު ހުޅުވާލާނެ ކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ މި ކެޓަގަރީތަކާ ގުޅޭ އުސޫލުގައި ހިމަނާނެ ޝަރުތުތަކާއި މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅައި، އުސޫލު ފައިނަލް ކުރުމުގެ މަސައްކަތްތައް ކަމަށެވެ. މި ބަދަލުގެ ސަބަބުން ބިންވެރިކަމެއް ނެތް އާއިލާތަކަށް އެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ޖޮއިންޓް ގޯތި ލިބުނު މީހުންގެ ކެޓަގަރީން ޝަރުތު ހަމަވާނީ، އެ ގޯއްޗެއްގައި ހިމެނޭ އެންމެން ބިން ދޫކޮށްލަން އެއްބަސްވާނަމަ އެވެ. މިގޮތަށް އުސޫލު ބަދަލުކުރަން ނިންމީ އިޖުތިމާއީ މައްސަލަތައް ކުޑަކުރުމުގެ މަގްސަދުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އިއުލާނުކުރެއްވި ކަމެކެވެ. ރައީސް ވިދާޅުވި ގޮތުގައި ބިންވެރިޔާ ސްކީމުން ބިން ލިބުނު ގިނަ ބަޔަކު އާއިލީ އަދި އެހެނިހެން މައްސަލަތަކާ ހުރެ ވަކިން ގޯތި ބޭނުންވެގެން އެދެމުންދެއެވެ. އެހެންކަމުން، މިހާރު ލިބިފައިވާ ގޯތި އެންމެން ރުހިގެން ދޫކޮށްލާނަމަ، ވަކިވަކިން ގޯއްޗަށް ކުރިމަތިލެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެއެވެ.
މީގެ އިތުރުން، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް އެދި ކުރިމަތިލެވޭ ގޮތަށް އުސޫލު ބަދަލުކުރަން ވަނީ ނިންމާފައެވެ. ރައީސް ވިދާޅުވި ގޮތުގައި ރަސްމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ 15,000 ގޯތީގެ ތެރެއިން 1,000 ގޯތި ހާއްސަކުރާނީ މިފަދަ ހާލަތްތަކުގައި ތިބި ފަރާތްތަކަށެވެ.
މި އައު އުސޫލުގެ ދަށުން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލުމުން، މީގެ ކުރިން ބޯހިޔާވަހިކަމުގެ ސްކީމްތަކުގައި ހުރި ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

