ދުނިޔޭގެ މަޝްހޫރު "ޓައިމް" މެގަޒިންއިން ހޮވާ ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގެންފިއެވެ.
އެމެރިކާގެ ޓައިމް މެގަޒިންއިން 2026 ވަނަ އަހަރަށް އެކުލަވާލި މި ލިސްޓުގައި ރައީސް ޑރ. މުއިއްޒު ހިމެނިވަޑައިގަތީ، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށާއި، އާންމު ސިއްހަތު ރައްކާތެރިކުރުމަށް އެމަނިކުފާނު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށް ބެލުމަށްފަހުގައެވެ.
މިއީ ދިވެހި ލީޑަރަކަށް ބައިނަލްއަގުވާމީ ފެންވަރުގައި މިފަދަ ޝަރަފެއް ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ޓައިމް މެގަޒިންއިން ފާހަގަކޮށްފައިވާ ގޮތުގައި، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީއަށާއި، ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މުހިންމު މަސައްކަތްތަކެއް ފަށްޓަވާފައެވެ. ވަކިން ހާއްސަކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިއްހީ ޚިދުމަތްތައް ފުޅާކުރުމަށާއި، ޒަމާނީ ވަސީލަތްތައް ގާއިމުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރަށް އެ މެގަޒިންއިން ވަނީ ތައުރީފުކޮށްފައެވެ.
މި ލިސްޓުގައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިންނާއި، ސިއްހީ މާހިރުން އަދި އީޖާދުވެރިން ހިމެނޭއިރު، ރައީސް ޑރ. މުއިއްޒު ހިމެނިވަޑައިގަތުމަކީ ރާއްޖެއަށް ލިބުނު ފަޚުރެކެވެ.
މިއީ ރައީސް ޑރ. މުއިއްޒާއި، ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފްގެ އިރުޝާދުގެ ދަށުން ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަކަމުގެ ހެއްކެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ޓައިމް މެގަޒިންގެ ޕޯސްޓް؛
"ނޮވެމްބަރު މަހު، ދިވެހިރާއްޖެ ވެގެން ގޮސްފައިވަނީ ޖީލުގެ ގޮތުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރި ފުރަތަމަ ގައުމަށެވެ. މިގޮތުން ޖެނުއަރީ 2007 ގެ ފަހުން އުފަންވި އެއްވެސް މީހަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ގަތުމާއި ވިއްކުން ވަނީ މުޅި އުމުރަށް މަނާކޮށްފައެވެ. މިއީ 2023 ވަނަ އަހަރު އިންތިޚާބުވެވަޑައިގަތުމަށްފަހު، އާންމު ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދެއްވަމުން ގެންދަވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމެކެވެ. މި އާ ގާނޫނަކީ 2024 ވަނަ އަހަރު ވޭޕާއި އީ-ސިނގިރޭޓް އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން މަނާކުރުމަށްފަހު، ރާއްޖެއިން ދުންފަތުގެ އިސްތިއުމާލުކުރުން ނައްތާލުމަށް އެކުލަވާލާފައިވާ މަޝްރޫއުގެ ބައެކެވެ.
"ސަރުކާރުގެ ސިޔާސަތުތައް އާންމުކޮށް ބައްޓަންވެފައި އޮންނަނީ ބަލިތަކުން ރައްކާތެރިވުމަށްވުރެ ބޮޑަށް، ބަލިޖެހުމުން ފަރުވާ ދިނުމުގެ މައްޗަށް،" ރައީސް މުއިއްޒު ވިދާޅުވިއެވެ. "އަޅުގަނޑުމެން މިހާރު މި އިސްކަންދެނީ މި ދެބަޔަށްވެސް ހަމަހަމަ ގޮތެއްގައެވެ."
ރައީސް ޑރ މުއިއްޒުގެ ސަރުކާރުގެ ބައެއް ސިޔާސަތުތަކަކީ އާންމުންގެ މިނިވަންކަމަށް އަރައިގަތުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް، ދުންފަތް މަނާކުރުމުގެ އިތުރުން، ކޮންމެ ރަށެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ހިލޭ ކްލިނިކްތައް ގާއިމުކޮށް، 2026 ވަނަ އަހަރު 24 ގަޑިއިރު ހިދުމަތްދޭ ނަފްސާނީ ސިއްހަތުގެ ހެލްޕްލައިނެއް ވަނީ ފަށާފައެވެ. އަދި ގާތްގަނޑަކަށް 550,000 މީހުންގެ އާބާދީއެއް އޮންނަ، 1,200 އެއްހާ ރަށްތަކުގެ މައްޗަށް އެކުލެވޭ މި ގައުމު މިދިޔަ އަހަރު ވެގެން ގޮސްފައިވަނީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން ނައްތާލި ފުރަތަމަ ގައުމަށެވެ.
"މި ހުރިހާ ކަމެއްވެސް މިކުރަނީ އެކުއެކީގައި، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށާއި މުޅި ގައުމުގެ ސިއްހަތަށް މާނަހުރި، މިންކުރެވޭނެ، ދެމެހެއްޓެނިވި ބަދަލެއް ގެނައުމަށް،" ރައީސް ޑރ މުއިއްޒު"


