ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުލުން މިއަދު ހެނދުނު 10:00 ގައި މުޅި ރާއްޖޭގައި ކުރިއަށް ގެންގޮސްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި މި ގުރުއަތުލުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށްދާނީ އެއް ވަގުތެއްގައެވެ.
މާލެ ސިޓީގައި ގުރުއަތުލުން ކުރިއަށްދަނީ މާފަންނުގައި ހުންނަ އިންތިޚާބާ ބެހޭ މަރުކަޒު (ކުރީގެ ޑްރަގް ކޯޓު އިމާރާތް) ގައެވެ. އަދި އަތޮޅުތެރޭގެ ރަށްތަކާއި ސިޓީތަކުގައި ގުރުއަތުލުން ކުރިއަށްދަނީ އެ ރަށެއްގެ ކައުންސިލް އިދާރާގައި ނުވަތަ ކައުންސިލުން ކަނޑައަޅާފައިވާ ޚާއްޞަ ތަންތަނުގައެވެ.
ގުރުއަތުލުމަށް ކެންޑިޑޭޓު އަމިއްލައަށް ނުވަތަ ބަދަލުގައި މީހަކު ފޮނުވަންޖެހޭއިރު، ބަދަލުގައި މީހަކު ފޮނުވާނަމަ ކެންޑިޑޭޓުގެ ސިޓީއަކާއެކު ފޮނުވާ މީހާގެ އައިޑީ ކާޑުގެ އަސްލާއި ކޮޕީ ގެންދަންޖެހެއެވެ. "އެއްވެސް ކެންޑިޑޭޓަކަށް ހާޒިރުނުވެވޭނަމަ ނުވަތަ ބަދަލުގައި މީހަކު ނުފޮނުވޭނަމަ އެ މީހެއްގެ ފަރާތުން ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނެވެ،" އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ޖުމްލަ 2,994 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި 6 ސިޔާސީ ޕާޓީއަކުން ވާދަކުރާ 1,210 ކެންޑިޑޭޓުންނާއި، އަމިއްލަ ގޮތުން ވާދަކުރާ 401 ކެންޑިޑޭޓުން ހިމެނެއެވެ. މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 މެންބަރުން އަދި ސިޓީ ކައުންސިލްތަކަށް 52 މެންބަރުން އިންތިޚާބު ކުރާނެއެވެ.
މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 294,937 މީހުންނަށް ލިބިގެންވާއިރު، ގުރުއަތުން ހޮވޭ ނަންބަރުތަކާއެކު ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އަންނަ ހޮނިހިރު ދުވަހު އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އިޢުލާނު ކުރާނެއެވެ.

