ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ޚާއްޞަ އާއިލީ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ. "ވޯޓަށް ތައްޔާރު" މި ނަމުގައި ބާއްވާ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ހުޅުމާލޭގައެވެ.
މި އާއިލީ ހަވީރު ކުރިއަށްދާނީ މާދަމާ ހަވީރު 16:00 އިން 18:00 އަށް ހުޅުމާލެ ފޭސް 2 ގެ ރުއްގަނޑު 3 ސަރަހައްދުގައެވެ. މި ހަރަކާތަކީ އިންތިޚާބާ ގުޅޭ މަޢުލޫމާތު ދިނުމަށާއި އާންމުން ހޭލުންތެރިކުރުވުމަށް ބާއްވާ ހަރަކާތެކެވެ.
މި ހަވީރުގައި ކުޑަކުދިންނަށް ޚާއްޞަ އެކި ކުޅިވަރުތައް ހިމެނެއެވެ. އޭގެ ތެރޭގައި ފޭސް ޕެއިންޓިންގ، ސްޓޭޖް ހަރަކާތްތައް އަދި އިނާމު ލިބޭ އެކި ކުޅިވަރުތައް ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ.
މި ހަރަކާތުގެ ތެރެއިން އިންތިޚާބާ ގުޅޭ މުހިންމު ޚިދުމަތްތަކެއް ވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ވޯޓުލާ ފޮށި ބަދަލުކުރުމަށް ރީ-ރަޖިސްޓަރީވުމުގެ ފުރުސަތާއި، އިންތިޚާބުގައި އޮފިޝަލަކަށް ވުމަށް ހުށަހެޅުމުގެ ފުރުސަތު ހިމެނެއެވެ. މީގެ އިތުރުން ޓާސްކްފޯސް ވަޒީފާތަކަށް ހުރި ފުރުސަތުތަކުގެ މަޢުލޫމާތު ވެސް މި ހަވީރުގެ ތެރެއިން ލިބިގެންދާނެއެވެ.
ކުރިއަށް އޮތް އިންތިޚާބުގައި ޖުމްލަ ހަ ސިޔާސީ ޕާޓީއަކުން ވާދަކުރާއިރު، ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެއެވެ. މީގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ

