ދ. މީދޫގައި އަލަށް ގާއިމުކުރެވުނު ޒަމާނީ ފެންވަރުގެ ވޮލީކޯޓް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން މީދޫ ކައުންސިލްގެ މެންބަރުންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.
މި ވޮލީކޯޓަކީ މީދޫގައި ގާއިމުކުރެވުނު މިފަދަ ފުރަތަމަ ކޯޓެވެ. ސަރުކާރުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ގާތްގަނޑަކަށް ދެމަސް ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމައި މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ.
ކޯޓު ހުޅުއްވައިދެއްވުމަށްފަހު، އެ ކޯޓުގައި ވަނީ އެރަށުގެ ޒުވާނުންގެ މެދުގައި ހޮވާލެވުނު ދެ ޓީމެއްގެ ދެމެދުގައި އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. މި މެޗު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ބައްލަވާލައްވާފައެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ބިޔަ މަޝްރޫޢުގެ ދަށުން، ދަނޑުތަކާއި ކޯޓުތަކުގެ އިތުރުން ޓްރެކްތައް އެޅުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ. ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުތަކުގެ މައިގަނޑު މަގްސަދަކީ ދިވެހި އާބާދީއަކީ ހަށިހެޔޮ ދުޅަހެޔޮ ބަޔަކަށް ހެދުމެވެ.
ރާއްޖޭގެ ރައްޔިތުންނަކީ ކަސްރަތަށް ލޯބިކުރާ، ހެލިފެލިވެ އުޅޭ ބަޔަކަށް ހެދުމަށް ސަރުކާރުން ވަނީ ދިގު ރާސްތާ ޕްލޭނެއް އެކަށައަޅާފައެވެ. ސަރުކާރުގެ އަމާޒަކީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވެފައިވާ މުޖުތަމައެއް ބިނާކުރުމެވެ.

