ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ. ޒަކާތު ހައުސްއިން ބުނީ މި އަހަރުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަތް ޕްލެޓްފޯމެއް މެދުވެރިކޮށް އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.
އޮންލައިންކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ހުޅުވާލެވިފައިވާނެއެވެ. ޒަކާތް ދެއްކޭނެ އޮންލައިން ވަސީލަތްތަކުގެ ތެރޭގައި
- ދިރާގު އެޕް/ޕޭ،
- އުރީދޫ އެމް-ފައިސާ،
- މޯލްޑިވްސް އިސްލާމިކް ބޭންކް،
- ބޭންކް އޮފް މޯލްޑިވްސް، ފަހިޕޭ،
- އަވަސް އެޕް ބަނޑޭރި ޕޭ
މީގެ ތެރެއިން ބަނޑޭރި ޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ޒަކާތް ދެއްކޭނެއެވެ.
އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ކައުންޓަރުން ޒަކާތް ބަލައިގަންނާނީ:
- 22 ފެބްރުއަރީން 9 މާރިޗްއަށް: ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް
- 10 މާރިޗް އިން 19 މާރިޗްއަށް: ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 11:00 އިން 14:00 އަށް
ޒަކާތު ހައުސްއިން ވަނީ މި އަހަރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދުތައް ވެސް އިއުލާނުކޮށްފައެވެ. އެގޮތުން
- އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ،
- ތައިލެންޑް ހުދު ހަނޑުލުން 53 ރުފިޔާ،
- ރަތް ހަނޑުލުން 96 ރުފިޔާ،
- ބާސްމަތީ ހަނޑުލުގެ އެކި ބާވަތްތަކުން 77 ރުފިޔާ އަދި 136 ރުފިޔާއާ ދެމެދުގެ އަގުތަކެއް
- އާދައިގެ ފުށުން 10 ރުފިޔާ
- އާޓާ ފުށުން 75 ރުފިޔާ
އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންގެ އަތުން ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެ ރަށެއްގެ ރަށު ކައުންސިލުތަކުންނެވެ. ޒަކާތު ހައުސްއިން ބުނީ ޒަކާތުގެ ޚިދުމަތްތަކަކީ އެންމެންނަށް ފަސޭހައިން ބައިވެރިވެވޭނެ ޚިދުމަތްތަކަކަށް ހެދުމަށާއި، ޒަކާތުގެ ފައިސާ ހައްގުވެރިންނަށް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދިނުމަށް އައު އީޖާދީ ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށެވެ.

