ބަންގްލަދޭޝްގައި އިއްޔެ ބޭއްވި އެގައުމުގެ 13 ވަނަ އާންމު އިންތިހާބުގައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ހޯދި ބޮޑު ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.
ރައީސް ބީއެންޕީ އަށް މަރުހަބާ ދެންނެވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައެވެ، އެ ޕޯސްޓެއްގައި ރައީސް ޑރ. މުއިއްޒު ވަނީ ބީއެންޕީން ހޯދި ކާމިޔާބީއާ ގުޅިގެން ތާރިގް ރަހްމާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސްގެ މެސެޖުގައި ބަންގްލަދޭޝްގެ އާ ސަރުކާރާއެކު ގާތުން މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން ވަނީ ހާމަކުރައްވާފައެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ،
އިންތިހާބުގައި 300 ގޮނޑިއަށް 2000 އާ ގާތްކުރާ އަދަދަކަށް ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، އެ 300 ގޮނޑީގެ ތެރެއިން 212 ގޮނޑި ބީއެންޕީ އިން ވަނީ ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި އެ ޕާޓީގެ ލީޑަރު ތާރިގް ރަހްމާން ވާދަކުރެއްވި ދާއިރާގެ ގޮނޑި ވެސް ހިމެނެއެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ، ރާއްޖެއާއި ބަންގްލަދޭޝާއި ދެމެދު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަ ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. “ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން އިތުރަށް ބަދަހިވެ، ވަރުގަދަ ވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް،” ރައީސް ވިދާޅުވިއެވެ.
މި އިންތިހާބުގައި ބީއެންޕީ ފިޔަވައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ، 70 ގޮނޑި ލިބިފައިވާ ވާދަވެރި ޖަމާޢަތު އިސްލާމީއެވެ.

