ބޭންކް އޮފް މޯލްޑިވްސްއިން އެސްޑީއެފްސީ ގަނެ، "އެސްއެމްއީ ޑިޖިޓަލް" ގެ ނަމަށް ރީބްރޭންޑް ކުރުމަށްފަހު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) ބޭނުންވާ ޝަރީއާ ހަމަތަކަށް ފެތޭ ފައިނޭންސިންގ ޕްރޮޑަކްޓްތަކެއް ވަނީ ތަޢާރަފުކޮށްފައެވެ. މި ނިޒާމަކީ ރާއްޖޭގެ އިޤްތިސާދުގެ މައިބަދަ ކަމުގައިވާ ކުދި ވިޔަފާރިތަކަށް ކުރިމަތިވާ މާލީ ގޮންޖެހުންތަކަށް ލުއި ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.
އަލަށް ތަޢާރަފުކުރި ފައިނޭންސިންގ ފުރުޞަތުތަކުގެ ތެރޭގައި، އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100,000 ރުފިޔާއާ ހަމައަށް އަދި އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް ރަހުނަކާނުލާ 250,000 ރުފިޔާއާ ހަމައަށް ފައިނޭންސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ވިޔަފާރި ފުޅާކުރުމަށާއި ހަރުމުދާ ހޯދުމަށް 5 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރާއިރު، މީގެ ތެރެއިން 1 މިލިއަން ރުފިޔާ ރަހުނަކާނުލާ ލިބޭނެއެވެ.
ކަނޑު އުޅަނދުފަހަރު ބަނުމަށާއި ގަތުމަށް "ވެސަލް ފައިނޭންސިންގ" ގެ ދަށުން 5 މިލިއަން ރުފިޔާއާ ހަމައަށް އެހީތެރިކަން ފޯރުކޮށްދޭއިރު، ޑިޖިޓަލް އިޤްތިސާދުގައި މަސައްކަތްކުރާ ކޮންޓެންޓް ކްރިއޭޓަރުންނާއި ފޮޓޯގްރާފަރުންނަށް ބޭނުންވާ ސާމާނު ހޯދުމަށް 500,000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ވަނީ ހުޅުވާލާފައެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދީގެން، ގެސްޓްހައުސްތައް ތަރައްޤީކުރުމަށް 10 މިލިއަން ރުފިޔާއާ ހަމައަށް އަދި ހޯމްސްޓޭ ނުވަތަ ކުދި ގެސްޓްހައުސްތަކަށް 1.5 މިލިއަން ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ. އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ ކޮންމެ ފަންތިއެއްގެ ކުދި ވިޔަފާރިއަކަށްވެސް އެ ވިޔަފާރިއަކާ ގުޅޭ މާލީ ޙައްލުތަކެއް ފަސޭހައިން ފޯރުކޮށްދިނުމެވެ.

