ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކުރަމުން އަންނަ 6 ހޮސްޕިޓަލެއްގެ މަސައްކަތް ނިންމާ، މިއަހަރުގެ ތެރޭގައި އެ ތަންތަން ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް ޞިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ އަތޮޅުތަކުގެ ރަށްރަށުގެ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން ހިމެނޭ މުހިންމު މަސައްކަތްތަކެކެވެ.
ޕީއެސްއެމް ނިއުސްގެ ރިޔާސީ ބަޔާން ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަރީފް ވިދާޅުވީ، މިވަގުތުވެސް އެކި ރަށްރަށުގެ ހޮސްޕިޓަލްތަކުގެ މަސައްކަތް ހަވާލުކުރެވި ބައެއް ތަންތަން ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. “އެގޮތުން މިއަހަރުގެ ތެރޭގައި 6 ހޮސްޕިޓަލެއްގެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭނެކަމަށް މިބަލަނީ،” ޝަރީފް ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ހާމަކުރެއްވި ގޮތުގައި މިއަހަރުގެ ތެރޭގައި މަސައްކަތް ނިމި ޚިދުމަތަށް ހުޅުވައިލެވޭނެ ކަމަށް ބެލެވެނީ ހއ. ހޯރަފުށި، ނ. ކެނދިކުޅުދޫ، ރ. ދުވާފަރު، ބ. ތުޅާދޫ، ޅ. ހިންނަވަރު، އަދި ކ. ގުރައިދޫގެ ހޮސްޕިޓަލްތަކެވެ. މި ހޮސްޕިޓަލްތަކާއެކު އެ ސަރަޙައްދުތަކުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ހޯދުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.
ޞިއްޙީ ޚިދުމަތް ހޯދުމަށް މާލެ ސަރަޙައްދަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މިކަމަށް ހައްލެއް ގެނައުމަށްޓަކައި އަތޮޅުތަކުގައި މިވަގުތު ހުރި ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް އަޕްގްރޭޑްކުރުމާއި، ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެއިތުރުން، ރާއްޖޭގެ 7 ސަރަޙައްދެއް އަރބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްޤީކުރާއިރު، އެ ސަރަޙައްދުތަކުގެ ހޮސްޕިޓަލްތައް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ވުޒާރާއިން ފާހަގަކުރެއެވެ.
ރާއްޖޭގެ ޞިއްޙީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖާގައިގެ ދަތިކަމެވެ. މީގެ ކުރިން ދުރުރާސްތާ ޕްލޭނެއް ނެތި ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފުޅާކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އެހެންކަމުން، މިހާރުގެ އަމާޒަކީ ރަށްރަށާއި މާލެ ސަރަޙައްދުގައި އިތުރު ހޮސްޕިޓަލްތަކާއި ޖީޕީ ކްލިނިކްތައް ތަރައްޤީކޮށް، ޢުމްރާނީ ގޮތުން އިންޤިލާބީ ބަދަލެއް ގެނައުމެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ޞިއްޙީ ދާއިރާއަށް ބޮޑު އިސްކަމެއް ދީފައިވާއިރު، މި ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގެ ޞިއްޙީ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

