މިއަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އައްޑޫ ސިޓީ ހިތަދުއަށް ވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން އައްޑޫ ސިޓީ މަރަދޫގައި ބާއްވާ ފޮތް މައުރަޒު ހުޅުއްވައިދެއްވާފައެވެ.
މި މައުރަޒުގެ ތެރެއިން ވަޒީރު ވަނީ އައްޑޫ ސިޓީގެ ހިރާ ސްކޫލުން އުފައްދާފައިވާ “ބަސްފިލާ” ނެރެދެއްވައިފައެވެ. ބަސްފިލާއަކީ ދިވެހި ބަހަށް ލޯބިކުރާ ފަރާތްތަކުގެ ބަސްކޮށާރު މުއްސަނދިކުރުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. މިފަދަ މައުރަޒުތަކާއި ބައްދަލުވުންތަކަކީ ދިވެހި އަދަބިއްޔާތާއި ބަސް ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއްގެ ގޮތުގައި ވުޒާރާއިން ފާހަގަކުރެއެވެ.
ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޖަލްސާ ތަޚްޞީޞްކުރެވުނު އައްޑޫ ސިޓީ ހިތަދޫ ކެމީ، ޙަސަން ލަބީބާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޙަސަން ލަބީބުގެ އަދަބީ ޖަމުޢިއްޔާ ކަމަށްވާ “ޝާއިރުންގެ ވާދީ” ގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޅެންވެރީންގެ ދުވަސް ކޮންމެ އަހަރުވެސް އަމާޒުކުރެވެނީ އަދަބިއްޔާތުގެ ގަދަފަދަ ތަނބެއް ކަމަށްވާ އަލްމަރުޙޫމް އިބްރާހީމް ޝިހާބަށެވެ.
މީގެ އިތުރުން، ޅެންވެރިކަމުގެ ފަންނު ކުރިއެރުވުމަށް “ޅެންވެރީންގެ ގުންޒަރު” ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ވަނީ ބާއްވާފައެވެ. އައްޑޫ ސިޓީގެ ޅެންވެރީންނާއި އާންމުންނަށް ހުޅުވާލައިގެން ބޭއްވި މި ހަރަކާތުގައި ޅެމާއި ބަނދި ފަދަ އަދަބީ އައިޓަމްތައް ހުށަހަޅައިދީފައިވެއެވެ. މި ހަރަކާތަކީ ޅެންވެރީންގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމަށް ފަހިކޮށްދިން ފުރުސަތެކެވެ.
ޅެންވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައި އައްޑޫ ސިޓީ ހިތަދޫގައެވެ. ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކުރާ މި ޖަލްސާގައި އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމާއި، ނައިބު ރައީސްގެ އިތުރުން ގިނަ އަދަދެއްގެ ޅެންވެރީން ބައިވެރިވެވަޑައިގަންނަވާނެއެވެ.

