ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށްޓަކައި ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިންގ ނެގުމުގެ މަސައްކަތް ފެށުމަށް ސްޓެލްކޯއިން ނިންމައިފިއެވެ. މި ނިންމުމަކީ ރަމަޟާން މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅު ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތެކެވެ.
ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި، ރަމަޟާން މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށްޓަކައި ރީޑިންގ ނެގުމުގެ މަސައްކަތް މި ފެށޭ ހަފްތާގެ ތެރޭގައި ކުރިއަށްދާނެއެވެ. އެގޮތުން މި މަހުގެ 16 އަދި 17 ވަނަ ދުވަހު މީޓަރުތަކުގެ ރީޑިންގ ނެގުމަށް ވަނީ ތާވަލުކޮށްފައެވެ. މިއީ ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ގެއަކަށް، ބިލުގެ ބޮޑުބައި ޑިސްކައުންޓުގެ ގޮތުގައި އުނިކޮށްދިނުމަށް ހަމަޖެހިފައިވާ އިންތިޒާމެކެވެ.
ރޯދަމަހާ ދިމާކޮށް ރައްޔިތުންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސެވުމަށްޓަކައި ސަރުކާރުން ގެންދަވަނީ 2024 ވަނަ އަހަރުން ފެށިގެން އެކިއެކި އިނާޔަތްތައް ފޯރުކޮށްދެމުންނެވެ. މިދިޔަ އަހަރުވެސް ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަށް ސަރުކާރުން 130 މިލިޔަން ރުފިޔާ ޚަރަދު ކުރައްވާފައިވެއެވެ. މިއީ ރަމަޟާން މަހެއްގައި މިގޮތަށް ހުރިހާ ރައްޔިތުންނަށް ބިލުތަކުން ޑިސްކައުންޓު ދޭ ތިންވަނަ ފަހަރެވެ.
ކަރަންޓު ބިލުގެ އިތުރުން، ރައްޔިތުންގެ ޚަރަދުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކޮންމެ ގޭބީސީއަކަށް 48 ދަޅުގެ މަސްދަޅު ކޭހެއް ހަދިޔާކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މީގެ ކުރިން ސަރުކާރުން ވަނީ ކޮންމެ ގޭބިސީއަކަށް 10 ކިލޯ ފުށާއި 10 ކިލޯ ހަނޑޫވެސް ބަހާފައެވެ. މީގެ އިތުރުން ކާބޯތަކެތީގެ އަގުތައް އުފުލުނަނުދީ ހިފެހެއްޓުމަށްވެސް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަޅުކަމާއި އާއިލާއަށް ވަގުތު ހުސްކޮށްދިނުމުގެ ގޮތުން ރަމަޟާން މަހުގެ ފަހު 10 ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ. ރައީސް ޑރ. މުއިއްޒު ކުރިން ވިދާޅުވެފައިވަނީ “ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400ރ. ކަމަށާއި، ބާކީ ބަޔަކީ ޑިސްކައުންޓް” ކަމަށެވެ. މިފަދަ އިނާޔަތްތަކާއެކު ދިވެހި ރައްޔިތުންނަށް މި އަހަރުގެ ރަމަޟާން މަހާ ބައްދަލުކުރެވެނީ ބޮޑު ހިތްހަމަޖެހުމަކާއެކުގައެވެ

