ކ. ދިއްފުއްޓަށް ޗުއްޓީ ހޭދަކުރުމަށް ދިޔަ އަންހެން ފަތުރުވެރިއަކު މިއަދު އިސްލާމްދީން ގަބޫލުކޮށްފިއެވެ. އުމުރުން 49 އަހަރުގެ މި އަންހެން މީހާ އިސްލާމްވުމަށްފަހު މިހާރު އޭނާގެ ނަމަކީ "ޖަމީލާ" އެވެ.
މީސް މީޑިއާގައި މިހާރު އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، މި އަންހެން މީހާ އިސްލާމްދީން ގަބޫލުކޮށް ޝަހާދަތް ކިޔާފައިވަނީ ދިއްފުށީގެ މިސްކިތެއްގެ ތެރޭގައެވެ. އެ ރަށުގެ މުދިމަކު ޝަހާދަތް ކިޔައިދެމުން ދިޔައިރު، އޭނާ ދިޔައީ ވަރަށް ފަރުވާތެރިކަމާއެކު އެ ކަލިމަތައް ކިޔަމުންނެވެ. އިސްލާމްދީން ގަބޫލުކުރުމަށް އޭނާ މިސްކިތަށް ގޮސް ހުރީ ބުރުގާ އަޅައި، ހަށިގަނޑު ނިވާކޮށްގެންނެވެ.
ދިއްފުއްޓަށް ގޮސް އުޅެމުން އިސްލާމްދީން ގަބޫލުކުރި މި ފަތުރުވެރިޔާއަކީ ކޮން ގައުމެއްގެ މީހެއްކަން އަދި ސާފުވާގޮތެއް ނުވެއެވެ. ނަމަވެސް އޭނާ ޝަހާދަތް ކިޔާ މަންޒަރު ފެންނަ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.
މީގެ ކުރިންވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިސްލާމްދީން ގަބޫލުކުރާ މައްސަލަތައް ފެންމަތިވެފައިވެއެވެ. އެގޮތުން 2025 ވަނަ އަހަރުގެ ތެރޭގައި އިޓަލީގެ ފިރިހެން ފަތުރުވެރިއަކުވެސް ވަނީ އިސްލާމްވެފައެވެ. އޭނާ އޭރު ބުނެފައިވަނީ އިސްލާމްދީން ގަބޫލުކުރަން ނިންމީ ދިވެހިންގެ ފަރާތުން ފެނުނު ހިތްހެޔޮކަމާއި މެހެމާންދާރީގެ ސަބަބުން ކަމަށެވެ.

