ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓުގެ ތެރެއިން 3600 އަށް ވުރެ ގިނަ ފްލެޓު މިހާތަނަށް ވެރިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ހުރިހާ ފަރާތްތަކަށް ފްލެޓުތަކަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވި ގޮތުގައި، މިހާތަނަށް 3850 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، 3647 ފަރާތަކަށް ވަނީ ތަޅުދަނޑި ހަވާލުކުރެވިފައެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ ތަޅުދަނޑިއާ ހަވާލުވާން ނާދެވޭ ބައެއް ފަރާތްތައް ތިބިކަމާއި، ލިޔެކިޔުންތައް އިތުރަށް ޗެކްކުރަންޖެހޭ 112 ފްލެޓެއްގެ މަސައްކަތް އަދި ނުނިމި އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން ބިނާކޮށްފައިވަނީ 16 ފަންގިފިލާގެ 32 ޓަވަރެވެ. މީގެ ތެރޭގައި ހިމެނެނީ 2 ކޮޓަރި އަދި 3 ކޮޓަރީގެ އެޕާޓްމަންޓުތަކެވެ. ފްލެޓުތައް ހަވާލުކުރަމުންދަނީ ފެނާއި ކަރަންޓުގެ ޚިދުމަތް ފުރިހަމަކުރުމަށްފަހުގައެވެ. އަދި އަލަށް އެ ސަރަޙައްދަށް ބަދަލުވާ އާއިލާތަކަށް ބޭނުންވާ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްވެސް އެފްޑީސީން ދަނީ ކުރަމުންނެވެ.

