ކުޅިވަރުގެ ދާއިރާއިން ކުރިއަރަމުން އަންނަ ޒުވާނުންނަށް ގަނާކޮށް ފުރައްސާރަކުރުމުގެ ސަބަބުން ހަލާކުވަނީ ގައުމުގެ ކުޅިވަރުގެ މުސްތަގުބަލުކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލު ވިދާޅުވެއްޖެއެވެ. ތޮލާލު މިފަދައިން ވިދާޅުވީ “ސްޕޯޓްސް އެވޯޑްސް 2025” އަށް ޓީޓީ އެސޯސިއޭޝަނުގެ ފަރާތުން ނޮމިނޭޓުކުރި ކުޅުންތެރިންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން މުހައްމަދު އުމައިރު ހިމެނުމާ ގުޅިގެން މީސްމީޑިޔާގައި ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ތޮލާލް ފާހަގަކުރެއްވި ގޮތުގައި ވަކި މީހެއްގެ ދަރިއަކަށްވުން ނުވަތަ ވަކި އާއިލާއަކަށް ނިސްބަތްވުމަކީ އެ ކުޅުންތެރިއަކަށް ލިބެންޖެހޭ ހައްގުތަކުން މަހްރޫމްވާންޖެހޭ ސަބަބެއް ނޫނެވެ. ކުޅުންތެރިން ހޯދާ ކާމިޔާބީތަކަކީ އެ ކުދިންގެ އަމިއްލަ ހުނަރާއި ބުރަ މަސައްކަތުން ހޯދާ ކާމިޔާބީތަކެއް ކަމަށާއި، އެއީ މުޅި ގައުމަށްވެސް ލިބޭ ރީތި ނަމެއްކަން އޭނާ ބަޔާންކުރެއްވިއެވެ.
އުމައިރު ނޮމިނޭޓްވެފައިވަނީ 2024 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ޓީޓީ މުބާރާތްތަކުން ރަންވަނަތައް ހާސިލުކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކޮށް މެޑަލް ހާސިލުކޮށްފައިވާތީއެވެ. ޓީޓީ އެސޯސިއޭޝަނުންވެސް ވަނީ ނޮމިނޭޝަންތައް ބިނާކޮށްފައިވަނީ ކުޅުންތެރިންގެ ކާމިޔާބީތަކުގެ މައްޗަށް ކަމަށް ބުނެފައެވެ.
ކުޅުންތެރިންނަށް ހިތްވަރުދީ ކުރިއަށް ދިއުމުގެ މަގު ދައްކައިދިނުމަކީ ކުޅިވަރުގެ މުސްތަގުބަލު އުޖާލާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސްޕޯޓްސް ކޮމިޝަނަރ ވިދާޅުވިއެވެ. “މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް” އަކީ ރާއްޖޭގެ ހުރިހާ ކުޅިވަރުތަކެއް ހިމެނޭހެން ކުޅުންތެރިންނާއި އޮފިޝަލުންގެ އަގުވަޒަންކުރުމަށް ބާއްވާ އެންމެ ބޮޑު ހަފްލާއެވެ.

