މާލޭގެ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތްތައް ނިންމައި، އަންނަ އަންގާރަ ދުވަހު އެ ސަރަޙައްދު އާއްމުންނަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ރަސްމީ ފާލަން ހިމެނޭ ސަރަޙައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ނިންމައި މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. ދެވަނަ ފިޔަވަހީގެ ދަށުން ތަރައްޤީ ކުރަނީ ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް އޮތް ސަރަޙައްދެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ މަގުގެ ނިޝާންތައް ކުރެހުމާއި މަގު ބައްތި ޖެހުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. މި މަޝްރޫޢުގެ ދަށުން 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅާފައިވާއިރު، މަގު ފުޅާކުރުމަށްޓަކައި ފަޅުތެރެއިން ބައެއް ހިއްކައިގެން 6 މީޓަރުގެ ސަރަޙައްދެއް މަގަށް ވަނީ އިތުރުކޮށްފައެވެ.
ބާޒާރުމަތީ މަގަކީ ޚާއްޞަކޮށް ރަމަޟާންމަހު ބާރުބޮޑުވާ ސަރަޙައްދަކަށްވާއިރު، މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުން އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެއެވެ. ޚާއްޞަކޮށް ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި ވިޔަފާރިވެރިންނަށާއި އާންމުންނަށް ލުއިތަކެއް ލިބޭނެއެވެ.
މި މަސައްކަތް އެއްކޮށް ނިމުމުން އެ ސަރަޙައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ސަރަޙައްދަކަށް ވެގެންދާނެ ކަމަށް ސަރުކާރުންނާއި އެމްޓީސީސީން ޤަބޫލުކުރެއެވެ.

