ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ރަށްރަށަށް އަމާޒުކޮށްގެން ތަޢާރަފް ކުރި “ޗާލު ދިވެހިރާއްޖެ އެވޯޑް”ގެ ފުރަތަމަ ބުރުގެ ވޯޓުލުން މިރޭ 11:59 ގައި ހަމަވާނެއެވެ. މި އެވޯޑަކީ ރަށްރަށުގެ ރައްޔިތުންގެ އިސްނެގުމާއެކު ތިމާވެށި ޙިމާޔަތްކުރުމަށާއި، ދިވެހީންގެ މުއްސަނދި އާދަކާދައާއި ސަޤާފަތް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.
މި އެވޯޑަށް ޖުމްލަ 7 ކެޓަގަރީއަކުން 50 ރަށަކުން ކުރިމަތިލާފައިވެއެވެ. ވޯޓުލުމުގެ މި ފުރަތަމަ މަރުޙަލާގައި ކޮންމެ ކެޓަގަރީއަކުން އެންމެ ގަދަ ފަސް ރަށް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި އެވޯޑަށް ވޯޓު ދިނުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޕީއެސްއެމް އެއަރ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.
ޗާލު ދިވެހިރާއްޖެ އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި އެންމެ ރީތި ގޮނޑުދޮށް، އެންމެ އެކުވެރި މުޖުތަމަޢު، އަދި ދެމެހެއްޓެނިވި ތަރައްޤީގައި އީޖާދީ ވިސްނުން ގެންގުޅޭ ރަށް ހިމެނެއެވެ. މީގެ އިތުރުން ސާފުތާހިރު، އެންމެ ތިމާވެއްޓާ ރައްޓެހި ރަށާއި، ރަށު ފަތުރުވެރިކަމުގެ އެންމެ ޒިންމާދާރު ރަށާއި، އެންމެ ހިތްގައިމު ރަށު މަންޒިލްގެ އިތުރުން އަހަރުގެ އެންމެ ޗާލު ރަށް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
މި އެވޯޑުގެ މައިގަނޑު މަޤްސަދަކީ ރަށްރަށުގެ ރައްޔިތުންގެ މެދުގައި ރަށަށް ލޯބިކުރުމުގެ ރޫޙު އާލާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އާދަކާދަތަކަށް ދިރިއުޅުން ބައްޓަންކުރުމަށް ހިތްވަރުދިނުމެވެ. އަދި ރަށްރަށުން ހޯދާ ކާމިޔާބީތައް ޤައުމީ ފެންވަރުގައި ފާހަގަކޮށް، ރަށު ފަތުރުވެރިކަން ކުރިއެރުވުމަކީވެސް މި އެވޯޑުގެ ބޭނުމެކެވެ.

