ކާރު ދުއްވާއިރު ސީޓް ބެލްޓު އެޅުން މަޖުބޫރު ކުރަން މަޝްވަރާ ކުރައްވާނެ ކަމަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓާރ ނަހުލާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވަނީ ވަކި ސްޕީޑަކަށްވުރެ މައްޗަށް ސައިކަލު ދުއްވާ އިރު، ހެލްމެޓް އެޅުން މަޖުބޫރު ކުރާ ފަދައިން، ކާރު އެއްޗެހި ދުއްވާ އިރު ސީޓް ބެލްޓް އެޅުން މަޖުބޫރުކުރުމަށް ވިސްނަންތޯ ސުވާލު ކުރައްވައިފައެވެ.
މެމްބަރ ހައިތަމް ގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ ކާރުތަކުގައި، ހާއްސަކޮށް ބުރިޖު މަތިން ދުއްވާ އިރު، ސީޓް ބެލްޓް އަޅަންޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި، ޕޮލިސީ ލެވެލްގައި، މެމްބަރ ހައިތަމް ފާހަގަ ކުރެއްވި ކަންތައްތަކަށް ރިއާޔަތްކޮށް އެކަމުގައި އެންމެ ރަނގަޅު ގޮތް ނިންމާނެ ކަމަށްވެސް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
ރާއްޖޭގައި ކާރުތައް ދުއްވާ އިރު ސީޓް ބެލްޓު އެޅުން މަޖްބޫރު ކޮށްފައި ނުވާއިރު، ދުނިޔޭގެ ގިނަ ގައުމު ތަކުގައި ސީޓްބެލްޓް އެޅުމަކީ މަޖްބޫރު ކަމެކެވެ. އަދި ސީޓްބެލްޓް ނާޅާ ދުއްވާނަމަ ބޮޑެތި އަދަދުން ޖޫރިމަނާ ކުރެއެވެ.

