ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް އަލަށް ތަރައްޤީކުރި ސެގްމަންޓް، ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ކަނޑައަޅައި މިރޭ ފަތިހު 5:00 އިން ފެށިގެން އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ނިންމައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް މި މަގު ހަތަރު ލޭނަށް ތަރައްޤީކޮށް ގެނެވުނު ބަދަލާއެކު، އެ ސަރަޙައްދުގައި ދެކޮޅަށް ދުއްވޭނެ އިންތިޒާމު ހަމަޖެހުމުން ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. މިއީ މާލޭގެ ބާޒާރުމަތީގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މަގު ހުޅުވާލުމުގެ ކުރިން އެ ސަރަހައްދު ފެހިކުރުމަށްޓަކައި މިއަދު ހަވީރު ވަނީ ގަސް އިންދުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ދައުލަތުގެ 12 ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން މަޝްރޫޢުގެ ކޮންޓްރެކްޓަރު އެމްޓީސީސީގެ މުވައްޒަފުން ބައިވެރިވެ ގަސް އިންދާފައިވެއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވީ، މަގު ހެދުމުގެ މަސައްކަތް އެއްކޮށް ނިމި އާންމުންނަށް ހުޅުވާލެވުމާއެކު، އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް، ހާއްސަކޮށް މުދާ އުފުލާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިމި، ރޯދަ މަހާ ދިމާކޮށް މަގު ހުޅުވާލުމަކީ ބާޒާރުމަތީގެ ކުލަގަދަ ސަރަހައްދަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

