ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާންމަހުގެ ފަހު ފަނަރައިގައި ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުޞަތުތަކެއް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިއަދު ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ ރަމަޟާންމަހަކީ އަޅުކަމުގެ މަހަކަށްވެފައި، ޢުމްރާއަށް ދިއުމަށް ގިނަ ބަޔަކު އެދެމުންދާތީ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި، އަހަރުގެ ޙައްޖު ދުވަސްވަރު ފިޔަވައި އެހެން ހުރިހާ ދުވަސްވަރެއްގައިވެސް ޢުމްރާއަށް ދިއުމުގެ ފުރުޞަތު އޮވެއެވެ. ނަމަވެސް، ރަމަޟާން މަހާއި ސްކޫލް ބަންދު ދުވަސްވަރަކީ ޢުމްރާއަށް ދިއުމަށް އާންމުންގެ ޑިމާންޑު ވަރަށް ބޮޑަށް އިތުރުވާ ދުވަސްވަރެކެވެ. އެގޮތުން މިއަހަރުގެ މުޅި ރަމަޟާން މަހުގެ ޢުމްރާ އަދި ފަހު ފަނަރައިގެ ޢުމްރާއަށް ދިއުމަށް ގިނަ ބަޔަކު އެދެމުންދާތީ، އިތުރު ޖާގަ ހަމަޖައްސައި ރަޖިސްޓްރީވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.
މި ދަތުރުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވަނީ ވީ އެންމެ އަވަހަށް ރަޖިސްޓްރީވެ، ފައިސާ ދައްކާ ފަރާތްތަކުގެ ތަރުތީބުންނެވެ. ވުމާއެކު، މި ފުރުޞަތުގެ ބޭނުން ހިފުމަށް ބޭނުންވާ ފަރާތްތަކުން ލަސްނުކޮށް ރަޖިސްޓްރީވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކުރެއެވެ.
ޢުމްރާއަށް ދިއުމަށް ރަޖިސްޓްރީ ކުރެވޭނީ ޙައްޖު ކޯޕަރޭޝަންގެ ރަސްމީ ވެބްސައިޓް Hajj.mv ގައިވާ “ފަހެލި” ޕޯޓަލް މެދުވެރިކޮށެވެ. މި ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ރަޖިސްޓްރީވެ، ފައިސާ ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ޙައްޖު ކޯޕަރޭޝަންގެ ކައުންޓަރުންވެސް ފައިސާ ބަލައިގަންނާނެ ކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.

