އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް (އައިއެންޕީއެފްއެން) ގެ ދަށުން، ޒޯން 4 ގައި ހިމެނޭ ފ. އަތޮޅާއި ދ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް 2026 ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު ރަސްމީކޮށް ފެށުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ތައްޔާރުވެއްޖެއެވެ.
މި ޚިދުމަތް ފެށުމުގެ ގޮތުން ފުރަތަމަ ހަފުތާގައި ކުރިއަށްދާނީ މި ނިޒާމަށް ރައްޔިތުން އަހުލުވެރިކުރުވުމަށްޓަކައި ކުރާ ހިލޭ ދަތުރުތަކެވެ. މި މުއްދަތަށްފަހު، 2026 ފެބްރުއަރީ 25 ވާ ބުދަ ދުވަހުން ފެށިގެން އާރްޓީއެލް ފެރީގެ ދަތުރުތައް ކުރިއަށް ގެންދާނީ ޓިކެޓް ނަގައިގެންނެވެ. ޓިކެޓް ބައްލަވައިގަތުމަށް ބޭނުންވާ ފަރާތްތަކަށް އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓް ބައްލަވައިގަނެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
14 އަތޮޅަކަށް ޚިދުމަތް ފުޅާވެގެންދަނީ
ޒޯން 4 ގެ ތެރޭގައި ހިމެނޭ ތ. އަތޮޅުގައި މިހާރުވެސް މި ޚިދުމަތް ދެމުންދާއިރު، ފ. އަދި ދ. އަތޮޅުގައި ޚިދުމަތް ފެށުމާއެކު ރާއްޖޭގެ ޖުމްލަ 14 އަތޮޅަކަށް އާރްޓީއެލް ފެރީގެ ޚިދުމަތް ފުޅާވެގެންދާނެއެވެ. މިއީ ރާއްޖޭގެ ހުރިހާ ރަށްތަކެއް ދަތުރުފަތުރުގެ ވަރުގަދަ ނިޒާމަކުން ގުޅުވާލުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މުޅި ރާއްޖެ ތިން ފޭސްއަކަށް ބަހާލައިގެން، 6 ޒޯނެއްގައި ކުރިއަށްގެންދާ މި ގައުމީ މަޝްރޫއު ހިންގުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، އަގުހެޔޮކޮށް ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ގޮތް މަގުފަހިކޮށްދިނުމެވެ.
މީގެ އިތުރުން، މި ނިޒާމުގެ ސަބަބުން ރަށްތަކުގެ މެދުގައި އިގްތިސާދީ އަދި އިޖްތިމާއީ ގުޅުންތައް ވަރުގަދަވެ، ރައްޔިތުންނަށް ފައިދާހުރި ދަތުރުފަތުރުގެ ނިޒާމެއް ގާއިމްވެގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރެއެވެ.

